ޚަބަރުސިޔާސީ

ސަރުކާރު ކުންފުނިތަކުން ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވި 10 ކަމެއް!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި އެދިވަޑައިގެންފައި ވަނީ އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ އިންތިގާލީ މަރުހަލާގައި ސަރުކާރު އޮފީސް އިދާރާތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ކަމެއް ނުކުރުމަށެވެ. އެއީ؛

1. އާ އިންވެސްޓްމަންޓެއް ފެށުން

2. އާ ޕްރޮޖެކްޓެއް އިއުލާން ކުރުމާއި އާ ޕްރޮޖެކްޓްތައް ފެށުން

3. އާ އިންވެސްޓްމަންޓެއް ކުރުން

4. ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ބިމެއް ނުވަތަ މުދަލެއް ކުއްޔަށް ދިނުމާއި ވިއްކުން

5. އިތުރު އާ ލޯނުތައް ނެގުން

6. ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލެއް ގެނައުން

7. ކުންފުނިތަކުގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުމާއި މިހާރު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދިނުން

8. އެއްވެސް ފަރާތަކުން ކުންފުންޏަށް ދައްކަން ހުރި ފައިސާއެއް މާފުކުރުން

9. ކުންފުނިތަކުގެ ހިންގާ ގަވައިދަށް ބަދަލު ގެނައުން

10. ކުުންފުނިތަކުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ބަދަލުގެނައުން

ބަޔާން ކުރެވިދިޔަ ކަންކަން ނުކުރުމަށް އެންގެވި ސަބަބެއް ކަމަށް ފިރުޒުލް ވިދާޅުވީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މިހާރު ސަރުކާރުން ކުރާ ކަންތައްތަކެއްގެ ސަބަބުން އާ ސަރުކާރު ހިންގުމަށް ދަތިވެދާނެތީ އެވެ.
ޕީސީބީން މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ ކުންފުނިތަކުން ބައެއް ކަހަލަ މުއާމަލާތްތައް ނުހިންގުމަށް އަންގަވާފައެވެ. މިގޮތުން ހަތަރު ކަމެއް އެއްގޮތަކަށްވެސް ނުކުރުމަށް ޕީސީބީން އަންގާފައިވެއެވެ. އޭގެތެރޭގައި ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަދަލުކުރުމާއި، މުސާރައިގެ އުސޫލުތަކާއި ޤަވާއިދުތަކާއި ނިންމުންތައް ބަދަލުކުރުމާއި، ކުންފުނީގެ އާމްދަނީއާ ގުޅޭ އުސޫލުތަކާއި ގަވާއިދުތަކާއި ކުރީގެ ނިންމުންތައް ބަދަލުނުކުރުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button