ޚަބަރު

އަނަސްގެ މަރު: ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުށް ސާބިތެއް ނުވި

ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްއަށް ތޫނު އެއްޗަކުން ޙަމަލާދީ މަލާރިކަމުގެ ތުހުމަތުކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

 

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޯލޮޖީން ފެބްރުއަރީ 27ގައި ނެރެފައިވާ ނޫސް ބަޔާނެއްގައި އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

 

ނޫސް ބަޔާނުގައި، ރާއްޖޭގައި ގޭންގުތަކުގެ ކުށްކުރުން ހުއްޓުވައި، ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅެއް ކަމަށާއި ކުށްކުރާ ފަރާތްތައް ކުށަށް އަރައިގަތުން ހުއްޓުވައި، ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅެއް އަޅާ ހައްގު އަދަބު ދިނުމަކީ ދައުލަތުގެ ވަކި ބާރެއް އިސްތިސްނާ ނުވާ ފަދައިން އަމަލު ކުުރަން ޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

 

އެގޮތުން ދައުލަތުގެ ތަންފީޒީ އިދާރާތަކާއި ޝަރުޢީ ދާއިރާ ޒިންމާ އަދާ ކުރުވުމަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާނެކަމާއި، ދިމާވާ ގޮންޖެހުންތައް ހައްލުކުރަން މަސައްކަތް ކުރާކަން ވަނީ ފާހަގަކޮށްފައެވެ.

 

ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްއަށް ތޫނު އެއްޗަކުން ޙަމަލާދީ މަލާރިކަމުގެ ތުހުމަތުކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އަނަސްއަށް ހަމަލާދީފައި ވަނީ ހާމަކަން ބޮޑު ގޮތަކަށް އާންމުންގެ ތެރޭ ކަމަށްވެފައި، މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް އަދަބު ނުލިބުމުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި، ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށްފަހު ގާނޫނީ އަދަބުން ބަރީޢަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަކަށް ވާތީ، އެކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ވަނީ ބަޔާންކޮށްފައެވެ.

 

އަދި މިކަން ކުރުމަށް ޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.

 

ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބުދީ، އިންސާފު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަނަސްގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އެކަމުގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމަވާނެ ކަމުގެ ޔަގީންކަން ޕީޖީ ދެއްވާފައިވާ ކަމުގައި ވެސް ބަޔާނުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button