ނާކާމިޔާބީއަކީ ކާމިޔާބަށް އޮތް ފުރުސަތަކަށް ހަދައި، ދަރިވަރުންނަށް އިތުބާރުކޮށް، ހިތްވަރުދެމާ: މިނިސްޓަރ އިހުސާން
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޕްރިފެކްޓް ބޯޑާއި އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ ޢަލީ ޢިހުސާން، ދަރިވަރުންނަށް ހިތްވަރު ދެއްވައިފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދަރިވަރުންނަށް ހިތްވަރު ދެއްވައި މިނިސްޓަރ އިހުސާން ވަނީ ދަރިވަރުންނާ މުހާތަބުކުރައްވައި ކާމިޔާބީގެ މަގުގައި ކުރިއަށް ދިއުމަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން މިނިސްޓަރ ވަނީ ކުދިންނަށް މަރުހަބާ ކިޔައި، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ގަދައަޅައި މިންނެތް މަސައްކަތް ކުރަން ދަރިވަރުންނަށް ނަސޭހަތްދެއްވާފައެވެ.
އެގޮތުން މިނިސްޓަރ ވަނީ ހަތަރު ކަމެއް ފާހަގަ ކުރައްވައި، އެމަނިކުފާނުގެ ތައުލީމީ ހަޔާތުން ބައެއް ކަންކަން ދަރިވަރުންނާއި ހިއްސާކުރައްވާފައެވެ.
ފުރަތަމަ ކަމަކަށް މިނިސްޓަރ އިޙްސާން ފާހަގަކުރެއްވީ، ”ފެއިލިއާ އަކީ އޮޕޮޗޫނިޓީއެއް“ ކަމުގައެވެ. ކަމެއް ނާކާމިޔާބު ވުމުން މާޔޫސްނުވެ ކުރިއަށްވުރެ ގަދައަޅައި މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ނަސޭހަތްތެރި ވެވަޑައިގަތެވެ. އަދި ތަޢުލީމު ހާސިލް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ އިހުސާން ވިދާޅުވީ، އެކި ދާއިރާތަކުން ތައުލީމް ހާސިލްކުރައްވައި، ތަފާތު ފަންނުތަކާ ގުޅޭ މައުލޫމާތު ލިބިފައި ހުރުމަކީ ބިނާކުރަނިވި ހިޔާލު ފުޅާކޮށް، އެކި ރޮނގުން ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމުގައެވެ.
”އަޅުގަނޑަށް އެނގޭ ތިބޭފުޅުން ވަރަށް ލޯބިވާ ތުއްތު ކުދިންކަން މިއީ. އެކަމަކު މިކުދިން މިހާރު މިތިބީ ހަޔާތުގަ ދެން ނަގަން ޖެހޭ ވަރަށް ރިސްކީ ބޮޑެތި ނިންމުންތައް [ނިންމަން ޖެހިފަ]. އެ ނިންމުންތަކުގައި އެކުދިންނަށް އެންމެ ފޭވާ ވާ ގޮތަށް ސަޕޯޓް ކޮށްދިނުމަކީ އަޅުގަނޑު ތިބޭފުޅުން އަރިހުން އެދޭ އެދުމެއް،“ ބެލެނިވެރިންނާ މުހާތަބު ކުރައްވައި މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން، އެންމެ އިންސާނަކަށް ވެސް ތަފާތު ދެއްކިދާނެ ކަމަށާއި، މަސައްކަތް ކޮށްގެން ދިވެހި ކުދިންނަށް ވެސް ދުނިޔޭގެ ތާރީހު ބަދަލު ކޮށްލާ ފަދަ ބަޔަކަށް ވެވިދާނެ ކަން މިނިސްޓަރ ޢަލީ އިޙުސާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ދަރިވަރަކު ވެސް ސްކޫލްދައުރު ނިމިގެން ކުރިމަގާ މެދު ކަންކަން ނިންމާއިރު ދުރު ވިސްނުން ގެންގުޅެ، ކުރިއަރައިދާނީ ބޮޑެތި ހުވަފެންތައް ދެކިގެން އެއަށް މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”ބައެއް ފަހަރަށް ވަކި ގޮތް ނޭނގޭ ގައުމަކަށް، ދުވަހަކު ނުދާ ހިސާބަކަށް ދޫކޮށްލަން ޖެހިދާނެ. އެ [ނިންމުންތަކުގައި] ޓްރަސްޓް ކުރައްވާތި. މި ކުދިން ގައިގައި އެ ހިތްވަރާއި ހުނަރު ހުންނާނެ. ދަސް ކުރާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމާލަމުން މިނިސްޓަރ އިހުސާން ވަނީ ބެލެނިވެރިންގެ ކިބައިން، ކުދިންނަށް އިތުބާރުކޮށްގެން އެ ކުދިންނަށް ހިތްވަރު ދިނުމަށް އެދިލައްވައިފަ އެވެ.
މިނިސްޓަރ އިހުސާނާ އެކު، މިނިސްޓްޓަރ އޮފް ސްޓޭޓް ޑޮކްޓަރ މުހައްމަދު ކިނާނަތު ވެސް މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.