ޚަބަރު

”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރަން ފަށައިފި

އާބަންކޯގެ ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރަން ފަށައިފިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނުމުން، މަދިރި އާލާވާ ތަންތަން ދެނެގަނެ އެފަދަ ތަންތަން ނައްތާލުމަށް ޓަކައި މިއަދު ހެނދުނު ފެށި ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލޭގައި މަދިރި އާލާވާނޭހެން ހުރި ސަރަހައްދުތައް ސާފުކުރަން ފަށައިފިއެވެ.

”މަދިރިން ރައްކާ“ ކެމްޕޭން ހުޅުމާލޭގައި ރަސްމީކޮށް ފަށާފައިވަނީ، މިއަދު ހެނދުނު 07:30 ގައި ހުޅުމާލެ ފޭސް 1 ގައި ހުންނަ ރިވެލި ޕާކުތެރޭގައެވެ. އެގޮތުން، އެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފާއި، ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލްގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ސިއްހީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން އާބަންކޯއިން ގައުމީ ފެންވަަރެއްގައި ކުރިޔަށް ގެންދާ ”މަދިރިން ރައްކާ“ ކެމްޕެއިނުގެ ދަށުން ހުޅުމާލެ ސާފުކުރަން ހަމަޖެހިފައިވަނީ 15 ޓީމަކަށް ބަހައިލައިގެންނެވެ.  މި ހަރަކާތުގެ ތެރެއިން ފޭސް 1 އާއި 2 ގައި ހުރި މަދިރި އާލާވާ ސަރަހައްދުތައް ދެނެގަނެ އެފަދަ ތަންތަން ސާފުކުރުން ހިމެނޭކަމަށް އާބަންކޯއިން ވަނީ މައުލޫމާތުދީފައެވެ.

ފައިލޭރިއާ ޖެހިފައިވާ ކޭސްތަކެއް ރާއްޖެއިން ފެނުމުން އާބަންކޯއިން އެކަމާއި ގުޅިގެން މިހާތަނަށް އެތައް ކަމެއް ކޮށްފައިވެއެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ޓަކައި ސާފުތާހިރުކަމުގެ މުހިއްމުކަން އަންގައިދީ، ހޭލުންތެރިކަމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން ހުޅުމާލޭގައި ހުރި، ކުނި ގިނަ ސަރަހައްދުތައް ސާފުކުރުންފަދަ އެތައް ހަރަކާތްތަކެއް އާބަންކޯއިން ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި، މި ކެމްޕެއިނުގެ ދަށުން ގުޅީފަޅާއި ތިލަފުށީގައި ހުރި މަދިރި އާލާވާފަދަ ތަންތަން ވެސް ސާފުކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button