ޚަބަރުސިޔާސީ

ކެބިނެޓުގެ 22 ވަޒީރުންނަށް ކޮމެޓީން ރުހުންދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ވަޒީރުންގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއިން 22 މެންބަރުންނަށް ރުހުންދޭން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީކަމަށްވާ އެމްޑީޕީން މީގެ ކުރިން އަޑުގަދަކޮށް ވިދާޅުވަމުން ދިޔައީ ވަކިވަކިން ވަޒީރުންނަށް ރުހުން ދިނުމަށެވެ. ނަމަވެސް، މިއަދު ކަންހިނގައި ދިޔައީ މުޅިން ތަފާތުކޮށެވެ. އެގޮތުން، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަކިވަކިން ރުހުން ދިނުމަށް އެއްވެސް މެންބަރަކު ހުށަހަޅާފައެއް ނުުވެއެވެ.

އަދި މީގެއިތުރުން، 22 މެންބަރުންނަށް އެކީގައި ރުހުންދިނުމަށް ކޮމިޓީއަށް ހުށަހަޅާފައިވަނީ، އެމްޑީޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒުގެ ހުށަހެޅުއްވުމަށް ޑިމޮކްރެޓްސްގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވަނީ ތާއީދުކުރައްވާފައެވެ.

22 މެންބަރުންނަށް ރުހުންދިނުމުގެ ވޯޓަށް މުގައްރިރު ހުޅުވައިލުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަކި ކޮޅަކަށް ޖެހިފައި ނުވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ 5 މެންބަރުން، ވަޒީރުންނަށް ރުހުންދޭން ތާއީދުކޮށްފައިވެއެވެ.

އެހެންކަމުން، މިއަދު ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ވެސް ރުހުން ވަނީ ލިބިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފެއްޓެވުމަށްފަހު މުގައްރިރު، ކޮމިޓީއަށް ލިބިފައިވާ ސިޓީއެއް ހުށަހަޅާފައިވެއެވެ. އެ ސިޓީ ފޮނުވާފައިވާ ފަރާތަކީ، އިބްރާހީމް އިސްމާއިލް (އިބްރާ) ކަމަށް މުގައްރިރު ވިދާޅުވިއެވެ.

އެ ސިޓީގައި އިބްރާ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހުރިއްޔާ އައްޔަންކޮށްފައިވާ 2 ވަޒީރެއްގެ އަމަލުތަކުގެ ސަބަބުން އިބްރާގެ ވިޔަފާރިއަށް ގެއްލުންވެފައިވާކަމަށެވެ. އެގޮތުން، ޑރ. އައިޝަތު ޝިހާމާއި އަދި އަޙްމަދު އުޝާމްއަށް ރުހުން ނުދިނުމަށް އިބްރާ ޝާއިޢުކޮށްފައިވާ ސިޓީގައި އެދިލައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް އިބްރާ ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ވަކި ގޮތެއް ނިންމާނީ ފަހުންކަމަށާއި، މިވަގުތު މުހިއްމީ ވަޒީރުންނަށް ރުހުން ދިނުންކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުުވަހުއެވެ. ނަމަވެސް، އިދިކޮޅުން ސަރުކާރަށް ކުރަމުންދިޔަ ދަތިތަކުގެ ސަބަބުން އެ މަސައްކަތް ދިގުލައިގެން ދިޔައެވެ. މަޖިލީހުގެ 3 ވަނަ ދައުރު ނިއްމައިލާ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު 3 ވަނަ ދައުރުގައި ނިންމަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން 43 އިންސައްތަ މަސައްކަތް އޮތީ ޕެންޑިންގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button