ދިވެހިރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތައް ޗައިނާގެ ވިޔަފާރިތަކާ ހިއްސާކުރުމަށް އެ ޤައުމުގައި ބާއްވާ ”އިންވެސްޓު މޯލްޑިވްސް ފޯރަމް“ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ފޯރަމް އޮންނަ ސަރަހައްދަށް މިހާރު ރައީސް ވަޑައިގެންފައިވާއިރު، މި ފޯރަމުގައި 300 އަށްވުރެ ގިނަ ވިޔަފާރި ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިޤުތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.
ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ފޫޝޯގައި މިއަދު ބާއްވާ އިންވެސްޓުމެންޓު ފޯރަމުގައި ރާއްޖޭގައި އެކި ސިނާއަތްތަކާއި ދާއިރާތަކުން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު، އެ ފޯރަމުގައި ބައިވެރިވާ ޗައިނާގެ ވިޔަފާރިވެރިންނާ ދިވެހި ސަރުކާރުން ހިއްސާކުރާނެއެވެ.
”އިންވެސްޓު މޯލްޑިވްސް ފޯރަމް“ ބާއްވާއިރު، ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުވަނީ އިކޮނޮމިކް ފްރީ ޒޯނުތަކަށް އިންވެސްޓުކުރާ މިންވަރު ކަނޑައަޅުއްވައި، ވަކި ޚާއްޞަ ދާއިރަތަކުން އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ. އެގޮތުން ޓްރާންސްޝިޕްމެންޓާއި ރީއެކްސްޕޯޓުކުރުމުގެ ދާއިރާއިން ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ޤާއިމުކޮށް އިިންވެސްޓުކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން އައު ކުންފުންޏެއް އުފެއްދެވުމަށް އެމަނިކުފާނު ނިންމަވާފައިވާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.