ޚަބަރުސިޔާސީ

ވިޔަފާރިކުރަން ފަސޭހަ މާހައުލެއް ޤާއިމުކޮށް ދޭނެކަން ޔަޤީން: ރައީސް

ޗައިނާގައި ކުރިއަށްދާ ”އިންވެސްޓު މޯލްޑިވްސް“ ފޯރަމުގައި ރާއްޖޭގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް ވިޔަފާރިކުރަން ފަސޭހަ މާހައުލެއް ޤާއިމުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ފޫޝޯގައި ބާއްވާ އިންވެސްޓުމެންޓު ފޯރަމު އިފުތިތާހު ކޮށްދެއްވުމުގެ ގޮތުން ދެއްވި ޚިޠާބުގައި ރައީސްވަނީ އެމަނިކުފާނު ޗައިނާއަށް ކުރައްވާ ޒިޔާރަތަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވެވަޑައިގަންނަވާ އިލްތިޒާމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އަދި ދެ ޤައުމުގެ ސަރުކާރުތަކާއި، ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި އޮތް އެއްބާރުލުން ދިނުމުގެ ދިރުންހުރި ގުޅުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމަށް އެ ޤައުމުން ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ސަބަބުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކުރި ހެޔޮ އަސަރުތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ލިބުނު އެހީތެރިކަމާއެކު ކުރިއެރުމާއި މުވާސަލާތުގެ އައު ހަރުފަތަކަށް ރާއްޖެއަށް ވާސިލު ވެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ޤިޔާދަތުގައި ރާއްޖެއިން އަމާޒު ހިފާފައިވަނީ ދެމެހެއްޓެނެވި ތަރައްޤީއަށްކަން ފާހަގަކުރެއްވުމާއެކު، އިއާދަކުރުވަނިވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭކަން ހާމަކުރައްވައި، ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކަށް ރާއްޖޭގެ ތަރައްޤީ ބައްޓަންކުރެއްވުމަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ރައީސް  އަލިއަޅުއްވައި ލެއްވިއެވެ.

ސަރުކާރުގެ އިޤުތިޞާދީ އަމާޒުތައް ހާސިލުކޮށް 2028 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ދެގުނައަށް އިތުރުކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝާމިލުވުމާއި އެހީތެރިކަން މުހިންމެވެ.

ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝާމިލުވުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވުމާއި، ރާއްޖެއިން ގެންގުޅޭނެ ނަތީޖާ ނެރެނެވި، އިންވެސްޓަރުންނާ ރަހުމަތްތެރި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައި، ރައީސް ވަނީ ދަތިކަމެއް ނެތި ރާއްޖޭގައި އިންވެސްޓުކުރެވޭނެކަމުގެ ޔަގީންކަން ފޯރަމުގައި ބައިވެރިވި ވިޔަފާރިތަކަށް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button