ޚަބަރުސިޔާސީ

ރާއްޖެއިން ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް: ރައީސް

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”އިންވެސްޓު މޯލްޑިވްސް“ ފޯރަމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ވިޔަފާރީގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

 އެ އެއްބަސްވުމަކީ ދެކުނު އޭޝިޔާގެ ޤައުމަކާއެކު ޗައިނާއިން ހެދި ޝާމިލު ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުންކަން ރައީސް ފާހަގަ ކުރެއްވުމާއެކު، އެމަނިކުފާނުގެ ސަރުކާރު އޮތީ އެ އެއްބަސްވުން ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް ތައްޔާރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ އަމާޒާ އެއްގޮތްވާ ގޮތުގެ މަތިން ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރިތަކާއި އިންވެސްޓުމެންޓުތައް އިތުރުކުރުކުރުމުގެ ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ރާއްޖެއިން ޗައިނާއަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު އިތުރުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދޭ މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއިން ފަށާފައިވާ ގްލޯބަލް ޑިވެލޮޕްމެންޓު އިނިޝިއޭޓިވްއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމެންޓު ބޭންކު (އޭއައިއައިބީ) ފަދަ މަސައްކަތްތަކަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުއިކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އޭއައިއައިބީއަށް ކަނޑައެޅި ފުރަތަމަ ގަވަރުނަރެއްގެ ގޮތުގައި 2017 ވަނަ އަހަރުގައި ޚިދުމަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ތަޖުރިބާގެ ސަބަބުން ޗައިނާގެ މިފަދަ މަސައްކަތްތަކުން ދިވެހިރާއްޖެ ފަދަ ޤައުމުތަކުގެ ތަރައްޤީގެ ރާސްތާއަށް ރަނގަޅު ހެޔޮ ބަދަލު ގެނައުމަށް އޮތް ފުރުސަތު ފަހުމުވެވަޑައިގެންނެވި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button