ޚަބަރުސިޔާސީ

މާފަންނު ހުޅަނގު ދާއިރާއަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ މުސްތޮގެ އަމާޒަކީ ރައްޔިތުން މާލީގޮތުން ބާރުވެެރިކުރުން

2024ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ، މުޙައްމަދު މުޞްޠަފާ އިބްރާހީމް (އިމްނާ މުސްތޮ)ގެ އަމާޒަކީ ސަރުކާރުގެ ވަޢުދުތަކާއެކު، ސަރުކާރާ ގުޅިގެން މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން މާލީގޮތުން ބާރުވެރިކުރުން ކަމުގައި ވިދާޅުވެއްޖެއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ރައީސް އަދި ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މެންބަރު މުޞްޠަފާ ”ބޮންތި“ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދާއިރާގެ ރައްޔިތުން އަދާހަމައަށް ތަހައްމަލު ކުރަމުންދާ ހުރިހާ ކަމެއްގެވެސް އަސްލަކީ މާލީ ކެރިފޯރުންތެރިކަމުން އަރައިނުގަތުމުގެ ހިތްދަތި ދިރިއުޅުން ކަމުގައެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ ފަރާތުން ފާއިތުވި 10 އަހަރު ތެރޭގައި ވެސް ވަކާލާތުކޮށް ހައްލެއް ހޯދައިދެވިފައި ނުވާކަމުގައެވެ.

”މިދާއިރާގައި އެބަހުރި ވިހި ފަންސަވީސް މީހުން އެއް ގޭބިސީއެއްގައި ދިރިއުޅޭ ގެތައް. ގޮދަޑި އަޅައިގެން ޑިއުޓީ ބަހައިގެން ނިދަން ޖެހޭ ހިސާބަށް ތޮއްޖެހިފަ އޮތީ. ބިމުގެ ސަތަހައަށްވުރެ ފޫޓެއްހާތަން އަޑީގައި ހުރި ގެތައް އެބަހުރި، އެތަންތަނުގައި ގޮދަޑި އަޅައިގެން ނިދަންތިއްބާ ވާރޭ ވެހެލާއިރަށް ގޭތެރެ ފެންބޮޑުވެ، ގޮދަޑިތައް ފޯވެގެން އެބަދޭ، ވިއްސާރަ މޫސުންތަކުގައި ދާއިރާގެ ރައްޔިތުން އުޅެންޖެހޭ ހާލެއް ބަޔަކަށް ނޭނގޭނެ. ސްކޫލްތަކަށް ކުދިން ގެންދަންޖެހެނީ ކަކޫތާފެނުގައި، މަގުތައް އޮތީ ހަލާކުވެ މަރާމާތަށް ނިހާޔަތަށް ބޭނުންވެފައި، ބައެއް ގޭގެ ބުރިބުރިއަށް ހިއްލިފައިވަނީ ކޮންސްޓަރަކްޝަން ކުންފުނިތަކަށް ފައިދާވާގޮތަށް ލޯނު ނަގައިގެން އުމުރު ދުވަހު އެ ލޯނެއް ބޮލުއަޅައިގެން، އެކަމާހުރެ ދިރިއުޅުން ދެކޮޅު ނުޖެހޭ އެތަކެއް ޢާއިލާއެއް އެބައުޅޭ. މި ރައްޔިތުންގެ ހާލު އެނގިގެން މިހާތަނަށް މިކަންކަން ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށްދިނީ ކާކު؟“ މުސްތޮ ވިދާޅުވިއެވެ.

މާފަންނު ހުޅަނގު ދާއިރާއަކީ، ރާއްޖެއާއި، ސަރަހައްދީ ގައުމުތަކުގެ މެދުގައި މަގުބޫލު ވިޔަފާރިވެރިންނާއި ރިސޯޓުތައް ހިންގާ ފަރާތްތައް ގިނަ ސަރަހައްދަކަށްވެފައި، އެ ފަރާތްތަކަކީ އެތައް މިލިއަން ރުފިޔާއެއްގެ ޓެކްސް ދައުލަތަށް ދައްކާ ވިޔަފާރިވެރިންނަށް ވީހިނދު، އެ ޓެކްސް ޕޭޔަރުންގެ ސަރަހައްދަށް، މިދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ނުކޮށް އޮތުމަކީ މުސްތޮގެ ކަންބޮޑުވުމެކެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ މައި އިޤްތިޞާދީ ދެ ގޭޓުގެ ގޮތުގައި ދަޢުލަތަށް ނަފާ ހޯދަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ވަޒީފާތަކުގައި އެ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކު މުވައްޒަފުންގެ ގޮތުގައި ބުރަ މަސައްކަތްކޮށްގެން ދައުލަތަށް ވައްދާ އާމްދަނީގެ އިންސައްތައެއްހާ މިންވަރު ވެސް  އެދާއިރާގެ ހާލަތު ބަދަލުކުރަން ހޭދަ ނުކުރުމަކީ ވެސް މުސްތޮ ކަންބޮޑުވާ މައްސަލައެކެވެ.

މީގެ އިތުރުން މާފަންނު ހުޅަނގު ދާއިރާއަކީ ފުޓްބޯޅައިގެ ރީތި ތާރީޚެއް އޮތް، އެއްވަނަ ޑިވިޝަންގެ ދެ ކުލަބް ކަމުގައިވާ މާޒިޔާ އާއި އީގަލްސް އެ ދާއިރާއަކަށް ނިސްބަތްވާ ދާއިރާއަށްވާއިރު، އަދި އެތަކެއް ފުޓްބޯޅަ ޓީމުތަކާއި ޒުވާން ކުޅުންތެރިންނެއް ދިރިއުޅޭ ސަރަހައްދަކަށް ވާއިރު، މި ދާއިރާއަކީ ފުޓްބޯޅަ ކުޅެލާނެ ’މިންހަމަވާ‘ ފުޓްސެލްދަނޑެއްގެ މިންވަރު ވެސް ނެތް ދާއިރާއެއްކަން މުސްތޮ ފާހަގަކޮށް މިކަންކަމާ ވެސް ރައްޔިތުން މަޖިލީހުގައި އަޑުއުފުލާނެ ދާއިރާގެ ދަރިއަކަށް ދާއިރާ ދަނީ ގޮވަމުން ކަމުގައި މުސްތޮ ވިދާޅުވިއެވެ.

”ވަރަށް ސާފު، އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް މި ނުކުންނަނީ މީގެކުރިން ވެސް މި ދާއިރާއަށް ތަރައްގީއެއް ގެނައިނަމަ ގެނެސްދީ، ނަތީޖާ ދައްކާފައިވާ ޕީޕީއެމް ޕީއެންސީގެ ސަރުކާރާއެކު. މިއަދުގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ ތަރައްޤީގެ ވިސްނުންފުޅާއެކު، ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯއްދަވާދެއްވާނެ އުއްމީދި ރައީސް. ވީމާ، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރާއެކު ހުޅަނގު ދާއިރާއަށް ޤާނޫނު އަސާސީން ލިއްބައިދޭންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގެ އިތުރުން އަޅުގަނޑު މިދެންނެވިގޮތަށް ރައްޔިތުން މާލީ ގޮތުން ބާރުވެރި ކުރެވޭނެ. މިކަމަށް ޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ އެ އިޞްލާޙެއް، ނުވަތަ ބިލެއް ހުށައަޅަން ޖެހިއްޖެނަމަ އެ ބިލެއް ސަރުކާރާ ގުޅިގެން ހުށައަޅާ މިކަމުގައި މަޖިލީހުގައި ވަކާލާތުކޮށް ހާލަތު ބަދަލުކުރާނަން. ގޭދޮށު އަވަށްޓެރިން ނިސްބަތްވާ ހުޅަނގު ދާއިރާގެ އެންމެންގެ އަތުގައި ހިފައިގެން އަޅުގަނޑު މި ނުކުތީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން މާލީގޮތުން ބާރުވެރިކޮށް ދާއިރާގެ ހާލަތު އިންޝާﷲ ބަދަލު ކުރަން.“ މުސްތޮ ވިދާޅުވިއެވެ.

މުސްތޮއަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ބިލުތައް އިޞްލާޙުކުރުމުގެ މަސައްކަތުގައި އެޓަރނީ ޖެނެރަލް އޮފީހުގައި، އޭރުގެ އެޓަރނީ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛު ޑރ.ހަސަން ސަޢީދާއި އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އަރިހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް އުފަންކުރުމުގެ މަސައްކަތް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު މޫސާ ފަޠުޙީއާއެކު ވެސް މަސައްކަތް ކުރައްވާފައިވާ ގާނޫނުތަކަށް ފަރިތަ ބޭފުޅެކެވެ.

މުސްތޮއަކީ އިނގިރޭސި ވިލާތުގެ އެންގިލިއާ ރަސްކިން ޔުނިވަރސިޓީން މާރސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފައިވާ، މާފަންނު ހުޅަނގުދާއިރާގައި ދިރިއުޅޭ ދާއިރާގެ އިލްމީ ބޭފުޅެކެވެ.

އެބޭފުޅާއަކީ ތާޖުއްދީން ސްކޫލްގަޔާއި އަދި އޭގެފަހުން އަމީނިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި އަދި ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާއާއި، ގައުމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުން ކިޔަވައިދެއްވާފައިވާ ގިނަ ދަރިވަރުންތަކެއްގެ މުސްތަފާ ސާރއެވެ. ކިޔަވައި ދިނުމުގެ އިތުރުން މުސްތޮއަކީ ހިންގުމުގެ ދާއިރާގައި މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މުލަކަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވްކަމުގެ މަޤާމު އަދާކޮށްފައިވާ، ހިންގުމު ދާއިރާގެ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ދިވެހި ބަހުގެ ގަވާޢިދު ކޮމެޓީގެ މެންބަރުކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލް މެންބަރުކަމާއި، ޒަކާތު ކޮމެޓީގެ ޗެއާމަންކަމާއި، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައި.ޑީ.ބީ)ގެ ދިވެހިރާއްޖޭގެ އަލްޓަނޭޓް ގަވަނަރކަން އަދާ ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button