ޚަބަރުސިޔާސީ

ރާއްޖޭގައި ހިންގާ ސްޓްރެޓެޖިކް މުހިއްމު މަޝްރޫޢުތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު އެ ވިޔަފާރިތަކަށް ހުޅުވާލައިފި

ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ތަފާތު ބޮޑެތި ފުރުސަތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައި، ރާއްޖޭގައި ހިންގާ ސްޓްރެޓެޖިކް މުހިއްމު މަޝްރޫޢުތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު އެ ވިޔަފާރިތަކަށް ހުޅުވިފައި އޮތްކަން ހާމަކުރައްވައިފިއެވެ.

ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ފޫޝޯގައި ފެށިގެން ކުރިއަށްދާ ”އިންވެސްޓު މޯލްޑިވްސް“ ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފާހަގަކުރެއްވި ފަދައިން އެޤައުމުން ފަށާފައިވާ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި)ގެ ސަބަބުން އެއްގަމާއި ކަނޑާއި ވައާއި ޑިޖިޓަލްކޮށް މުވާސަލާތުކުރުމުގެ އައު ރާސްތާތައް ހުޅުވި އެ އިނިޝިއޭޓިވްގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މުދަލާއި، ރައުސުމާލާއި، ފަންނިއްޔާތާއި މީހުން ދަތުރުކުރާ ގޮތަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެމަނިކުފާނު ޗައިނާއަށް ކުރައްވާ ޒިޔާރަތުގެ ކުރިން އިފުތިތާހުކުރެއްވި އެއާޕޯޓުގެ އައު ތަސައްވުރާއި، ރާއްޖޭގެ ވިޔަފާރީގެ ބަނދަރަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިއްމު އިސްތިރާޖީ މަސައްކަތްތައްކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކަކީ ބީއާރުއައިގެ އެއްގަމާއި ކަނޑާއި ވައާއި ޑިޖިޓަލް ގުޅުވައިލުމުގެ ތަސައްވުރެއް ފެތޭ ކަންކަމަށް ވިދާޅުވިއެވެ.

ބީއަރުއައިގެ އޮނިގަނޑުގެ ތެރެއިން މި މަޝްރޫޢުތައް ހިންގުމަށް ގުޅިގެން މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޭގެ އިތުރަށް އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުން ހުރީ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމާއެކު އެހެނިހެން ސިނާއަތްތައް ތައާރަފުކޮށް އިޤުތިޞާދު ސިންދަފާތުކުރުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކުރައްވާނީ ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތަކަށް ރިއާޔަތްކުރައްވައިގެން ކަމަށެވެ.

އިޤުތިޞާދު ބަދަލުކޮށްލެއްވުމުގެ އަމާޒު ހާމަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތްޕުޅުގެ ތެރެއިން މުހިއްމު އެއް އަމާޒަކީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލޭގެ މަޝްރޫޢު ކަމަށެވެ. ރާއްޖޭގެ ފުރަތަމަ އީކޯ ފްރެންޑްލީ ޝަހަރުގެ ގޮތުގަިއ ތަރައްޤީކުރާ މި ޝަހަރަކީ 325،000 މީހުންގެ އާބާދީއަކަށް ދިރިއުޅުމަށް ބޭނުންވާ އުމްރާނީ އަދި ވިޔަފާރީގެ ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެ ސިޓީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ބޭނުންތަކާ އެކަށޭނެ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމަކީ އެމަނިކުފާނުގެ މުހިއްމު ވައުދެއް ކަމަށެވެ. އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

އޭގެ އިތުރަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޅާ ބޮޑު މަޝްރޫޢެއް ހިންގަވަން ރާއްވަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާކަންވެސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ އިޤުތިޞާދީ ވިލުންތެރިކަން ކަށަވަރުކުރުމަށް އިޤުތިޞާދު ސިންދަފާތުކުރުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓު ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އިސްތިރާޖީ މުހިއްމު މަސައްކަތްތައް ހިންގައި ތަރައްޤީކުރާ ކުންފުންޏެއްގެ ދައުރު އެ ކުންފުނިން އަދާކޮށް، ދެމެހެއްޓެނެވި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެ ކުންފުނިން އިންވެސްޓުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ހިންގާއިރު ރާއްޖޭގެ މައި ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ސިންދަފާތުކުރުމާއި އައު ތަޖުރިބާތައް ބާޒާރަށް ނެރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އެ އަމާޒު ހާސިލުކުރުމަށް ފަށާ ބައެއް އައު ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ހޮސްޕިޓޭލިޓީގެ ދާއިރާއިން ތައުލީމު ދޭނެ މަތީ ފަންތީގެ ސުކޫލެއް ޤާއިމުކުރުމާއި، ކުޅިވަރާއި ސިއްހީ އަދި ސަގާފީ ފަތުރުވެރިކަން ތައާރަފުކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވުމާއެކު، ރައީސް އެދިވަޑައިގަތީ ރާއްޖެއަށް ކޮވިޑުގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެއްގެ ގޮތުގައި ޗައިނާ އޮތް ފަދައިން އެ މަޤާމަށް އަނބުރާ ޗައިނާ އިއާދަކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ކޮށްދިނުމަށެވެ.

މި މަސައްކަތްތައް ފާހަގަކުރެއްވުމާއެކު އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 12 ބިލިއން ޑޮލަރަށް އިތުރުކޮށް ދެގުނަކުރުން ކަމަށެވެ. އެ އަމާޒުތައް ހާސިލުކުރުމަށް އަމިއްލަ ވިޔަފާރިތަކުގެ ދައުރުގެ މުހިއްމުކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވުމާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ މަސްދަރުތަކުން ފައިސާ ހަމަޖެހުމަކީ މި މުހިއްމު މަސައްކަތްތައް ހިންގުމަށް ކޮންމެހެންވެސް ބޭނުންތެރި ކަންކަން ކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިވެރިންގެ ގޮތުގައި ދެކިގެން އެ ވިޔަފާރިތަކާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓުކުރުމުގައި ދަތިތަކެއް ނެތި، ރާއްޖޭގައި ވިޔަފާރިކުރުމަކީ ފަސޭހަ ތަޖުރިބާއަކަށްވާނެ ކަށަވަރުކަން ރައީސްވަނީ އެ ފޯރަމުގެ ބައިވެރިންނަށް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button