ޚަބަރުސިޔާސީ

އާޒިމާ މޭޔަރަކަށް ހުންނަވައިފި ނަމަ މާލޭގެ ރައްޔިތުން ދުވަހަކު ވެސް ނުދެކޭފަދަ ތަރައްގީ ގެނެސްދެއްވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި މާލެ ސިޓީގެ މޭޔަރަކަށް އަލްއުސްތާޒާ ޢާއިޝަތު އާޒިމާ ޝުކޫރު ހުންނަވައިފި ނަމަ މާލޭގެ ރައްޔިތުން ދުވަހަކު ވެސް ނުދެކޭފަދަ ތަރައްގީ ގެނެސްދެއްވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ޕީޕީއެމް/ޕީއެންސީ މޭޔަރު ކެންޑިޑޭޓާއި މާލެ ސިޓީގެ ތިން ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ކެންޕޭން ހަރަކާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރަކާއެކު ޚިދުމަތެއް ހޯދަން ބޭނުންވާނަމަ މާލޭގެ ރައްޔިތުންނަށް މި އޮތީ ރަނުގެ ފުރުސަތެއް ލިބިފައި ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އެމަނިކުފާނުގެ މޭޔަރުކަމުގައި މާލެ ސިޓީއަށް ގެންނަން ބޭނުންވި ތަރައްގީއާއި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެމަނިކުފާނަށް މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައި ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ހޯދައިދިނުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަަށެވެ.

ނައިބު ރައީސް ވިދާޅުވީ އާޒިމާއަކީ ރައީސް ޑރ.މުޢިއްޒު ގެންނަވަން ބޭނުންފުޅުވި ތަރައްގީ ގެނެސްދެއްވަން މަސައްކަތްކުރެއްވޭނެ ގާބިލު ކަނބަލެއް ކަމަށެވެ.

“އެކަމަނާއަކީ އަޅުގަނޑުމެންގެ މައި ދޮރާށި ސަލާމަތްކުރުމުގަ އެންމެ އިސްކޮށް ހުންނެވި ކަމަނާ. ހުންގާނުގަ ހުންނެވި ކަމަނާ. އެހެންކަމުން ގައުމުގެ ދިފާއުގަ ކުރެއްވި އެ ޖިހާދު އަޅުގަނޑުމެން ހަނދާން ހުންނަން އެބަޖެހޭ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ފަހަތްޕުޅުގަ މާލެ ސިޓީގެ މޭޔަރަކަށް އެކަމަނާ ހުންނަވައިފި ކަމުގައިވާނަމަ ޝައްކެއް ވެސް ނެތް މި މާލޭގެ ރައްޔިތުން ދުވަހަކު ވެސް ނުދެކޭފަދަ ތަރައްގީއާ ކުރިމަތިލާންޖެހޭނެ.“
މާލެ ސިޓީއަކީ އަމާން ތަނަކަށް ހައްދަވައި މާލެ ސިޓީއަކީ ރައްޔިތުން ދިރިއުޅެވޭނެ ވަރުގެ ތަނަކަށް ރައީސުލްޖުމްހޫރިއްޔާއާއި އުސްތާޒާ އާޒިމާ ހައްދަވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އެވަރުގެ ވިސްނުންފުޅެއް ރައީސާއި އާޒިމާގެ ކިބައިގައި ހުންނާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button