
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއާއިއޭ) އާއި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް (އާރުބީއައި) އާ ގުޅިގެން ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޅުކުރައްވައިފިއެވެ.
ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ގައުމުގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔައެވެ.
ރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވައި، އެ މަޝްރޫއުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ރައީސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ފަސިންޖަރުންގެ ކެޕޭސިޓީ މިހާރަށްވުރެ އެތައް ގުނައެއް އިތުރުކޮށް، އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި އިފްތިތާހުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 25 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީ ހިމެނޭ ޓާމިނަލެއް ގާއިމުކުރާނެއެވެ.