ޚަބަރު

ޕާޓީގެ ލީޑާޝިޕުގައި ދެމިހުންނާނަން: ރައީސް ސޯލިހު 

އިދިކޮޅު އެމްޑީޕީގެ އެންމެ އިސް މަގާމު، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ނުލާ ނަމަވެސް އެ ޕާޓީގެ ލީޑާޝިޕުގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  ވިދާޅުވެއްޖެއެވެ.

 

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރަން ބޭއްވި އިވެންޓުގައި އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމު ދޫކޮށްލެއްވީ ގިނަ ބަޔަކު އެ ޕާޓީގެ ލީޑާޝިޕްގައި ތިބެގެން ޕާޓީ ހިންގަން ބޭނުންފުޅުވާތީ ކަމަށެވެ.

 

ޕާޓީގެ ރައީސް ކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި އަބްދުﷲ ޝާހިދު އެކަންޏެވެ.

 

”ޕާޓީގެ ގިނަ ބަޔަކު ލީޑާޝިޕުގައި ތިބެގެން، އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަނެއްކާ ވެސް ހޯދަން ޖެހިއްޖެ، އަޅުގަނޑުމެންގެ އާ ރައީސް އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމުން އަނެއްކާ ވެސް އާ ހިތްވަރެއް ލިބުނު،“ ޝާހިދު އިންނެވި ޖަލްސާގައި ސޯލިހު ވިދާޅުވިއެވެ.

 

އެމްޑީޕީން ދުރަށް ވަޑައިގަތުމުގެ ވިސްނެވުން އަދި އެމަނިކުފާނުގެ ނެތް ކަމަށް  ވިދާޅުވިއެވެ.

 

”އެމްޑީޕީގައި އަޅުގަނޑު ހުންނާނަން، ލީޑާޝިޕުގައި އަޅުގަނޑު ހުންނާނަން، މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ މިފަދަ ދަނޑިވަޅުތަކުގައި، އަނެއްކާ ވެސް ޕާޓީގެ ސަފުތައް ތަރުތީބު ކުރަން، އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނަން“ އެމަނިކުފާނު ވިދާޅުވިއެވެ.

 

މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވީ ޕާޓީގައި ދެމިތިބުމަށާއި އިންތިހާބު ކާމިޔާބުވެ ގޮނޑި ލިބިއްޖެނަމަ، އެމްޑީޕީގައި ދެމިހުރެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށެވެ.

 

”އެމްޑީޕީ ގަބޫލު ކުރާ ހަމަތަކެއް އެބަ އޮތް، އާންމު މެންބަރުން ބޭނުންވާ ކަންކަން އެބަ ހުރި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ބުރޫއު އަރައިގެން ނުވާނެ، އެކަމަށް ހުރަސް އަޅާނެ ބިލަކަށް ވޯޓު ދީގެން ނުވާނެ، ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވަން ވާނެ“ ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ އެ ބޭފުޅެކެވެ. ސޯލިހުގެ ވެރިކަމުގައި، ޕާޓީގެ އެންމެ އިސް ލީޑަރަކަށް ހުންނެވީ އެމަނިކުފާނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button