ޚަބަރުސިޔާސީ

އާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރަކަށް: ޑރ. މުއިއްޒު

އާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެ އެކުލަވާލާ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނީ އިހުލާސްތެރި ކަމާއިއެކުގައި ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ  އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އިހުލާސްތެރި ކަމާއިއެކު ފުއްދާ ސަރުކާރަކަށް ކަމަށާއި، ކެބިނެޓްގައި ހިމެނޭ ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީން މަސައްކަތް ކުރައްވާނީ ނަތީޖާނެރެ ރައްޔިތުން ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. އެއްވެސް ބޭފުޅަކީ ކޮރަޕްޝަނަށް ޖާގަދީ އެކަންކަމަށް ފުރުސަތު ނުދެއްވާނެ ބޭފުޅުންކަން ކަށަވަރުވާ ކަމަށް އެމަނިކުފާނު މުއިއްޒު ވިދާޅުވިއެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒަކީ ނަތީޖާ ނެރުންކަމަށާއި، މުޅި ކެބިނެޓާއި، މުޅި ސަރުކާރު ވެގެންދާނީ ސައުވީސް ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔަކަށް ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button