ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެޖެންޑާކުރި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޖަލްސާ ނިންމާލައިފި އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާނުކުރައްވައި ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން އިއުލާނުކުރެއްވުމާއެކު، މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމްވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ޤަރާރުގައި ހުރުން މަޖިލީހުގެ ޤަވާއިދުން ލާޒިމުކުރާ ސިފައެއް ޤަރާރުގައި ނެތްކަމަށް ވިދާޅުވެފައެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވި ޤަރާރުގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން ޤަރާރު ހުށަހަޅާ ސަބަބު ބަޔާންކުރާ ދީބާޖާ މި ޤަރާރުގައި ނެތް ކަމަށެވެ.
އެ ނުކުތާއާމެދު އެމްޑީޕީން ވަރަށް ބޮޑަށް އިއުތިރާޒުކުރިއެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޤަރާރު ހުށަހަޅާފައިވަނީ ކުރިންވެސް އެބާވަތުގެ ޤަރާރުތައް މަޖިލީހަށް ހުށަހަޅާ ގޮތަށްކަމަށެވެ. އަދި ބައެއް މެންބަރުންވަނީ އަފީފަކީ މި މައްސަލާގައި މަސްލަހަތު ފުށުއަރާ ބޭފުޅެއްކަމަށްވާތީ ރިޔާސަތު ނުއިންނެވޭނެ ކަމުގައިވެސް ވިދާޅުވެފައެވެ.
ނިޒާމީ ނުކުތާތަކުގެ ތެރެއިން ކުރެވުނު ބަހުސްތަކަށްފަހު އަފީފު ވިދާޅުވީ މަޖިލީހުން ކުރިން ކަންކުރަމުން އައި ގޮތަށް ސުޕްރީމް ކޯޓުގެ ނިންމުމާއެކު ބަދަލު އައިސްފައިވާ ކަމަށެވެ. މިހާރު މަޖިލީހުގެ ޤަވާއިދު ކިޔަންޖެހެނީ އެކީގައި ކަމަށާއި، އެނޫން ގޮތަކަށް މަޖިލީހުގައި މިހާރު އަމަލުނުކުރެވޭނެ ކަމަށެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މީގެ ކުރިން ކުރިއަށް ނުގެންދެވުނީ އެ ގަރާރު އެޖެންޑާކުރި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަޑައިނުގެންނެވުމުންނެވެ. އީވާ ފުރަތަމަ ވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާކޮށް، ރިޔާސަތު ބަލަހައްޓަވަން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަޑައިގެންނެވީ އެހެންވެ އެވެ.