ޚަބަރު

ކުންފުނިތަކާ ބެހޭ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކުންފުނިތަކާ ބެހޭ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ކުންފުނިތަކާ ބެހޭ ބިލު ނަންބަރު (ނަންބަރު:7/2023)  ތަސްދީގުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބިލަކީ މި މަހު 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ 32 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި ގާގޫނަށް އަމަލު ކުރަން ފަށާނީ މިއަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކުންފުނިތަކާއި ބެހޭ އެތައް އިޖުރާތްތަކެއް މި ބިލުގައިވެއެވެ. މި ބިލުގައި ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި އަދި އުވާލުމުގެ ހަމަތައް ބަޔާންކޮށްފައިވެއެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ކުންފުނި އުފައްދައި ކުންފުނި ހިންގުމުގެ މަރުހަލާއިން ފެށިގެން ކުންފުނި އުވުމާއި ހަމައަށް، އެކަމުގައި އަމަލުކުރާނެ އިޖުރާއީ ވައްޓަފާޅި އަންގައި ދިނުންކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

މި ބިލުގެ ސަބަބުން ކުންފުނީގެ އަސާސީ ކަންކަން ކުރުމަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެފަދައިން، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާކެޓުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހަމަހަމަކަން ދިނުމުގެ އިތުރުން މި ބިލުގެ ސަބަބުން ކުންފުނިތަކުގެ ދަފުތަރު އެކުލަވާލައި އާންމު ކުރެވިގެން ދާނެއެވެ.

އަދި، މި ގާނޫނުގެ ސަބަބުން ވިޔާފާރީގެ ބާޒާރަށް ޕަބްލިކް ކުންފުނި ތަކާއި، ޕްރައިވެޓް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދާ ރަޖިސްޓަރީކޮށް ފަށައިގަންނާނެ ގޮތާއި ބޭރު ކުންފުނިތައް އަލުން ރަޖިސްޓަރީ ކުރުމުގެ މަރުހަލާ ވެސް ބަޔާންކޮށްދީފައި ވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button