ޚަބަރުސިޔާސީ

އެމްޑީޕީ ދޫކޮށް، ޑިމޮކްރެޓްސްއާވެސް ފެއަށް ޖެހިލުމަށްފަހު، ސިމްވާރު ލަންކާ އެމްބަސީގެ އިސް މަގާމަކަށް!

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި އިސްކޮށް މަސައްކަތް ކުރި މަސައްކަތްކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ދީފިއެވެ.

އޭނާ މިއަދު ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނުކުންނަވަން ފެއްޓެވިކަމުގެ މައުލޫމާތު ލިބިފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިމްވާރު ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނާއި ދެމެދު ސިޔާސީ ގުޅުން ގޯސްވި ދަނޑިވަޅުގައި ސިމްވާރު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް އާ ގުޅިވަޑައިގެން މަހިބަދޫ ދާއިރާގެ އެޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެކަމަކު މިސަރުކާރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، އެ މަގާމުންވެސް ސިމްވާރު ވަނި އިސްތިއުފާ ދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ސިމްވާރު ފާހަގަވެގެން ގޮސްފައިވަނީ ރައީސް ޔާމީނާއި ސަރުކާރުގެ ވަޒީރު ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެ ދުވަސްވަރު އޭނާ ވަނީ ލަންކާއަށް އަރުވާލެވިގެން ހުންނަވައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ސިމްވާރަށް ލަންކާ އެމްބަސީގެ މަގާމެއް ދީފައިވާއިރު، އެތަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަސާސީ ތައުލީމުގެ ފެންވަރު ހުރި ފިލްމީ ތަރި އަލީ ސީޒަން އެވެ. ސީޒަން މިހާރުވަނީ ލަންކާއަށް ދިރިއުޅުން ބަދަލުކުރައްވައި އެމްބަސީގައި މަސައްކަތް ކުރަން ފައްޓަވާފައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވަރަށް ހާއްސަ ހާލަތެއްގައި މެނުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށާއި، މަގާމުތަކަށް މީހުން އައްޔަންކުރުން ނިމުމަކަށް އައީ ކަމުގައެވެ. އެހެން ނަމަވެސް ސިމްވާރު ހާއްސަވީ ކޮންގޮތަކަށް ކަމެއް ސާފުނުވާ ކަމަށާއި، އެއީ ހައްގު ނޫން މަގާމެއް ކަމަށް ބުނެ ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ، ސަރުކާރު ގެނައުމަށް މަސައްކަތްކުރި ގިނަ މީހުން ވަނީ ހިޔާލު ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button