ޚަބަރުސިޔާސީ

މަންޑޭގެ ބޮޑެތި ތުހުމަތުތަކެއް ލޯ ކްރާފްޓަށް!

ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރި، ހަސަން މަމްދޫހު (މަންޑޭ)، ހަމްބޯ މޯލްޑިވްސް ކުންފުނި ތަމްސީލުކުރާ ލޯ ފާމް ކަމަށްވާ ލޯ ކްރާފްޓަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

މަންޑޭގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ހަންބޯގެ ބޯޑު ރިސޮލިއުޝަނެއް ނެތި ލޯކުރާފްޓުން ކުރަމުންދާ މަސައްކަތަކީ މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ލިބިފައިވާ ޔަގީންކަމާއި އިތުބާރު ގެއްލުވާލައި އަމިއްލަ އެދުމަށް ކުރަމުންދާ ހުތުރުކަން ބޮޑު ގައިރު ގާނޫނީ އަމަލެއް ކަމަށެވެ.

ލޯކްރާފްޓުން އިސްވެ ހަންބޯގެ ޑިރެކްޓަރުންގެ ބޯޑުން މަމްދޫހު ވަކިކޮށް ޗައިނާގެ ދެ މީހަކުވެގެން މުޅި ކުންފުނި ހިންގާ ގޮތަށް ހަމަޖައްސައި އެކޮނޮމިކް މިނިސްޓްރީއާއި ލޯ ކުރާފްޓާ ގުޅިގެން ގާނޫނާއި ހިލާފަށް އެ މިނިސްޓްރީން އެކަން އެންޑޯޒް ކޮށްފައިވާ ކަމަށް މަންޑޭގެ ގާނޫނީ ވަކީލުން ތުހުމަތުކޮށްފައިވެއެވެ.

ލޯކްރާފްޓުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން މަންޑޭގެ އަބުރު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާއިރު ބައެއް މެސެޖުތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް މި ބަޔާނުގައި ހިއްސާ ކޮށްފައިވެއެވެ.

މީގެކުރިން މަންޑޭ އަމިއްލަ ފުޅަށްވެސް ވަނީ އޭނާގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. މަންޑޭ ވިދާޅުވީި ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށްވެސް މަންޑޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މައި ހިއްސާދާރަށް ނޭންގި ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. އަދި މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button