
ދިވެހީންގެ ނިންމުން ނަމުގައި އިދިކޮޅުން މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުން ފަށާ ހިނގާލުމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައްޔިތުންގެ ތާޢީދު ޑރ. މުހައްމަދު މުއިއްޒުއަށް އޮތްކަންދައްކާލުމަށް އިދިކޮޅުން ކުރިއަށްގެންދާން ނިންމާފައިވާ ހަރަކާތެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާލުމަށް ބޭނުންވާ ރައްޔިތުން މި ހިނގާލުމުގައި ބައިވެރިވުމަށް އިދިކޮޅުން ގޮވާލައިފައިވެއެވެ. މި ހިނގާލުން ފަށަން ހަމަޖެހިފައިވަނީ ހަވީރު 15:45ގަ އެވެ. އަދި މިއަދު އިރުއޮއްސި 6 ގަޑި ސުންމިނެޓުން ފެށިގެން ކެމްޕެއިން ކުރުމަކީ މަނާ ކަމެކެވެ.
މިއަދު މާލޭގައި ހިނގާލުމެއް ބާއްވާއިރު މިހަފްތާގެ 26 ވަނަ ދުވަހުވެސް ސައިކަލު ބުރެއް މާލެގައި ބާއްވައިފައެވެ. އެ ސައިކަލުބުރުގައި ޑރ މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފައިވެއެވެ.