ޚަބަރު

ހިރިމަރަދޫ ސްކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފި!

ހިރިމަރަދޫ ސްކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިން ނިންމައިފިއެވެ.

ހދ.ހިރިމަރަދޫ އިން ”ބޮންތި“ އާ ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ އެރަށު އެއްވެސް ގްރޭޑެއްގެ ސްކޫލު ކުދިންގެ ފޮތްތައް ހަމަނުވާ ކަމުގައެވެ. އެޑިއުކޭޝަން މިނިސްޓްރީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވީ ފޮތްތަކުގެ ހާޑު ކޮޕީ ނުދެވި ހުރީ ގްރޭޑް 9 އާއި 11 ގެ ދަރިވަރުންނަށް އެކަނި ކަމަށާއި އެ ގްރޭޑުތަކުގެ ކުދިން ކިޔަވާނީ ޑީޖިޓަލްކޮށް ކަމަށެވެ. އެކަމަކު ހިރިމަދޫ އިން ވާހަކަ ދެއްކި ބެލެނިވެރިޔާ އެކަން ދޮގު ކުރެއެވެ.

”އެއީ ކަނޑައެޅިގެން އިތުރުފުޅެއް. އެއްވެސް ގްރޭޑެއްގެ ފޮތްތަކެއް ހަމައެއް ނޫން. ޕްރައިމަރީ ގްރޭޑްތަކުގެ ދިވެހި އިސްލާމް މާއްދާ ފޮތެއްވެސް ނެތް. ދެން ކިހިނެއްތޯ ފޮތްތައް ހަމަ ވާހަކަ އެ ބުނަނީ.“ ބެލެނިވެރިޔާ ބުންޏެވެ.

މިކަން އިތުރަށް ބެލުމަށް ”ބޮންތި“ އިން އެ ރަށު އެހެން ބެލެނިވެރިއަކާ ސުވާލު ކުރުމުން އޭނާވެސް ބުނީ ގިނަ ގްރޭޑުތަކުގެ ފޮތްތައް ހަމަނުވާ ކަމުގައެވެ. އޭނާ ބުނިގޮތުގައި ރަށު ސްކޫލުގެ ކަންތައްތައް ވަނީ ބޮއްސުން ލާފައެވެ.

”މިރަށު ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނަނީ އިންޑިއާ މީހެއް. 6 މަސް ވެއްޖެ އޭނާ ހުންނަތާ. ހަރާންފަދަ ވީކަމެއް. އޭނަ ބުނި ތިމަންނާ އަތުގަ ޕްލޭނެއް އެބޯތޭ. އެ ޕްލޭނަކީ އިންޑިއާ ޓީޗަރުން ހަފްތާއަކު 5 ގަޑިއިރު ހަމަކޮށްފަ ދިވެހި ޓީޗަރުން ކޮންމެ ދުވަހަކު 5 ގަޑި އިރު ހަމަކުރުން ތޯ.“ އޭނާ ބުންޏެވެ.

އެ މީހާ ބުނިގޮތުގައި އެރަށު ސްކޫލުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އެކަމަކު ޕްރިންސިޕަލަކަށް ހުންނަ އިންޑިއާ މީހާއަށް އެ މައްސަލައިގައި ހައްލެއް ހޯދިފައި ނުވާކަން އޭނާ ފާހަގަކުރިއެވެ.

ފޮތްތައް ހަމަނުވުމާއި، ރަށު ސްކޫލުގެ ކިޔަވައިދިނުމުގެ ފެންވަރު ދަށް ކަމަށް ބުނެ ދަރިވަރުން މާދަމާ ސްކޫލަށް ނުފޮނުވަން ހުރިހާ ބެލެނިވެރިން ވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button