ޚަބަރު

ހައިވަކަރު އަހުމަދުފުޅު އަވަހާރަ ވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މއ. ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) މިއަދު ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 89 އަހަރުގައި އަޙްމަދު ފުޅު އަވަހާރަވީއިރު އަނބިކަނބަލަކާއި ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ. އަޙްމަދު ފުޅުގެ އަނބިކަނބަލުންނަކީ މަޝްހޫރު ރޭޑިއޯ ޝަޚުސިއްޔަތު ނަޖުމާ ޙުސައިން (ނަޖުމާއްތަ)އެވެ.

އަހްމަދުފުޅު އެންމެ ގިނަދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގައެވެ. އެގޮތުން 28 އަހަރު ސިފައިންގޭގެ ހިދުމަތުގައި އުޅުއްވުމަށް ފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރުއެވެ.

އަދި އަމީން ދީދީ ދައުރުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތެއް ފައްޓަވައި، އަވަށު ކުޅިވަރު ކްލަބްތަކެއް އުފައްދަވައި ސްރީލަންކާގެ ކޯޗެއް ކަމަށްވާ މައިކަލް ޑިސިލްވާގެ ކޯޗު ކަމުގައި އުފެއްދި މަޖީދިއްޔާ ސްކޮޑުގައު ހައިވަކަރު އަހުމަދުފުޅު ހިމެނިވަޑައިގަންނަވައެވެ. ހައިވަކަރު އަހުމަދުފުޅަކީ ގޯލްކީޕަރެއްގެ ގޮތުގައި ކުޅުއްވި އޭރުގެ މަޝްހޫރު ކުޅުންތެރިއެއް ވެސްމެއެވެ.

އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވަވާފައެވެ.

ހައިވަކަރު އަޙުމަދު ފުޅު ތަޢުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، އިޚްލާޞްތެރިކަމާއެކު، މުއައްޒިފުންނާއި ގުޅިވަޑައިގެން، ސަރުކާރުގެ ކަންތައްތައް ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރި އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button