ޚަބަރުސިޔާސީ

ލިބުނު އާމްދަނީ އިތުރުވެ، ދައުލަތުގެ ހަރަދުތައް ކުޑަވެއްޖެ

ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އިތުރުވެ، ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަަށް ކުޑަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ފާއިތުވި އަހަރަށް ވުރެ އިތުރަށް 142 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

 

ފާއިތުވި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.9 ބިލިއަން ރުފިޔާ ވަނީ  ޚަރަދުކޮށްފައެވެ. އެއީ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 243 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން ފާއިތުވި އަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ދަރަނި 242.5 މިލިއަން ރުފިޔާއަށް އެރިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ 25 ދުވަހުގައި ޚަރަދު ކުރެވިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވުމާއެކު މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓު ހިންގާފައިވަނީ ސާޕްލަސްގައި ނުވަތަ އަރަނީގައެވެ.

 

ޖެހިޖެހިގެން 3 އަހަރު ދައުލަތުގެ ބަޖެޓު ދަރަނި 10 ބިލިއަން ރުފިޔާއަށްވުރެ މަތިވެ، ދައުލަތުގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ފަރަގު ކުޑަކޮށް ދައުލަތުގެ ފައިސާ މެނޭޖުކުރުން ހަރުދަނާ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button