ޚަބަރުސިޔާސީ

ފޮޓޯއާއި ލޯގޯ ވޯޓު ކަރުދާހުގައި ޖަހަން ނިންމައިފި

މަޖިލިސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޮޓޯއާއި ލޯގޯ ވޯޓު ކަރުދާހުގައި ޖަހަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ހުރިހާ ފަރާތެއްގެ ފޮޓޯއާއި ލޯގޯ ވޯޓު ކަރުދާހުގައިި ޖަހަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ މަޖުބޫރުކަމެއް ނޫންކަން ހަބީބު ފާހަގަކުރެއްވިއެވެ. ވޯޓު ކަރުދާހުގައި ފޮޓޯއާއި ލޯގޯ ޖަހަން ނިންމި ނަމަވެސް، އެކަމުގެ ފުރިހަމަ އިހްތިޔާރު ކެންޑިޑޭޓުންނަށް އޮތްކަމަށް ހަބީބު ވިދާޅުވިއެވެ.

 

ހަބީބް ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވާ ފަރާތްތަކަށް އެބޭފުޅުން ބޭނުންވާ ލޯގޯއެއް ވޯޓު ކަރުދާހުގައި ޖެހުމުގެ އިހުތިޔާރު އޮތްކަމަށެވެ. ނަމަވެސް، އަމިއްލަ ފަރާތްތަކުން ވޯޓު ކަރުދާހުގައި ޖަހަން ނިންމާ ލޯގޯ އީސީއަށް ފޮނުވަން ވާނެ ކަމަށާއި، އެ ލޯގޯ ވޯޓު ކަރުދާހުގައި ޖަހާނީ އީސީން ހުއްދަ ދިނުމުން ކަމަށް ހަބީބް މައުލޫމާތު ދެއްވިއެވެ.

 

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ފަރާތެއްގެ ލޯގޯއަކަށްވާނީ އެ ޕާޓީއެއްގެ ލޯގޯ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަމައެހެންމެ، އަމިއްލަގޮތުން ވާދަކުރައްވާ 2 ފަރާތަކަށް އެއްގޮތް ލޯގޯއެއް ބޭނުން ނުކުރެވޭނެކަން އިލެކްޝަން  ކޮމިޝަނުން ހާމަކޮށްފައިވެއެވެ. ދެ ލޯގޯއެއް ހުށަހެޅިފައިވާ ހާލަތުގައި ފުރުސަތު ލިބޭނީ އެ ލޯގޯ ފުރަތަމަ ހުށަހެޅި ފަރާތަށް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

 

ގިނަ ކެންޑިޑޭޓުން ބައިވެރިވާ އިންތިޚާބުތަކުގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ލޯގޯއާއި ފޮޓޯ ބޭނުންކުރުމަކީ ވޯޓުލާ މީހުންނަށް އެމީހުން ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓުން ދެނެގަތުމަށް ފަސޭހަވާނެ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button