ޚަބަރުސިޔާސީ

ހުރާ ދާއިރާގެ ކައުންސިލްތަކުގެ ރައީސުން ވާރިއަށް ތާއީދުކުރަން ނިންމައިފި

2024 މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަލަށް އުފެދުނު ހުރާ ދާއިރާގެ ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނުގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ވާރިޝް ( ވާރި) އަށް ތާއީދުކުރައްވަން އެދާއިރާގެ ކައުންސިލްތަކުގެ ރައީސުން ނިންމަވައިފިއެވެ.

އެގޮތުން ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އާއި، ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލު ވަނީ އެކަން ”ބޮންތި“ އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މީގެ އިތުރުން ކ.އަތޮޅުގެ މާފުށީ ދާއިރާއަށް ނިސްބަތްވާ ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދުވސް ވަނީ ވާރިގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވަނ ފައްޓަވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އެތެރޭގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ވާރިޝްގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ގޮތުން ހުކުރު ދުވަހު ހަވީރު ހިންމަފުށީގައި ގިނަ އަދަދެއްގެ ބަޔަކާއެކު ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ. އަދި އެ ދާއިރާގެ ތިން ރަށުގައި ވެސް ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ހިނގަމުންދާ ކަމަށް ވާރިގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.

ވާރިޝް ވަނީ ހުރާ ދާއިރާގައި ހިމެނޭ ގުޅީ ކައުންސިލުގެ ރައީސްކަން ކުރައްވާފައެވެ. އަދި ދެ ދައުރެއްގަައި ކ.އަތޮޅު ކައުންސިލުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވިއެވެ.

ލީޑަރެއްގެ ކޮލެޓީ ހުރިކަމަށް ދާއިރާގެ އާންމުން ބުނާ ވާރިޝް ނުކުމެވަޑައިގެން ހުންނެވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ހުރާ ދާއިރާގެ ގޮނޑި ހޯދައިދެއްވުމަށް ކަމަށާއި، އޭނާ ވެގެންދާނީ ސަރުކާރުގެ މެންބަރަކު ހަމަހަމަކަމާއެކު ދާއިރާގެ ގޮނޑި ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ކަމަށް ދާއިރާގެ ގިނަ ބަޔަކު ދެކެއެވެ.

”މިއީ ރައީސް ފެއްޓެވި މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި އެމަނިކުފާނަށް އެހީތެރިވާނެ މެންބަރަކު މަޖިލީހުގައި ހުންނާނެ ދާއިރާއެއް. މިއީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރާނެ މެންބަރަކު މިދާއިރާގައި ހުންނާނެ ދައުރެއް.“ ވާރި ވިދާޅުވިއެވެ.
އަބްދުﷲ ވާރިޝް (ވާރި)
ޒުވާނަކު މަޖިލިސް މެންބަރަކަށް ގެނައުމަށް ބޭނުންވާ އެދާއިރާގެ ގިނަ ޒުވާނުންވެސް ބޭނުންވަނީ ވާރިއަށް ގޮނޑި ކާމިޔާބު ކޮށްދނުމަށެވެ.

ހުރާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ދާއިރާއަށް އުފަން ހަމައެކަނި ކެންޑިޑޭޓަކީ ވެސް ވާރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button