ޚަބަރުސިޔާސީ

ޕީޖީއަށް ދިން ހަމަލާގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު، ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި ހަމަލާގެ ތުހުމަތުގައި އިތުރު 2 މީހަކު މީގެކުރިން  ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންނާ ދެކޮޅަށް ފުލުހުންވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތައް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އެމީހުން ބަންދުގައި ބައިތިއްބަން ކުރި އަމުރުގައި ކޯޓުން ބުނެފައިވަނީ އެފުޓޭޖުން ފެންނަ މަންޒަރުތަކަށް ބަލާއިރު ޝަމީމަށް ހަމަލާދިނުމުގައި އެ ދެ މީހުންވެސް ބައިވެރިވި ކަމަށެވެ.

ހައްޔަރުކުރި 2 މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ މީހާ ބަންދުގައި ބަހައްޓަންކުރި އަމުރުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ޝަމީމަށް ދިން ހަމަލާގައި އެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފިޔަވައި އިތުރު ބަޔަކު ޝާމިލުވުމުގެ ފުރުސަތު އޮތުމާއެކު ތަހުގީގު ކުރިއަށްގެންދަނީ އެ ވިސްނުން ވެސް ބަހައްޓައިގެން ކަމަށެވެ.

މި މައްސަލާގައި ފަހުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ ޝަރީޢަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި އެންމެންނާ ދެކޮޅަށް ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި ފުޓޭޖުގެ އިތުރަށް ސީންގެ ފޮޓޯ ފުލުހުން ވަނީ ހުށަހަޅާފައެވެ.

ފަހުން ހައްޔަރުކުރި 22 އަހަރުގެ މީހާއަކީ އަމަލީ ގޮތުން ޝަމީމަށް ހަމަލާދިން މީހެއް ނޫނެވެ. އޭނާއާ ދެކޮޅަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ އޭނާއަކީ ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ކުރިން ޝަމީމަށް ފާރަލި މީހުންގެ ތެރެއިން މީހެއް ކަމަށް ވުމުންނެވެ. މި މީހާއަކީ ކުރިންވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button