ޚަބަރުސިޔާސީ

މާލޭސިޓީގައި ހުރި ދުވަސްވީ ބައު ވެހިކަލްތައް ނާއްތާލަން ފަށައިފި

އެއްގަމު އުޅަނދުފަހަރުގެ ސަބަބުން މާލޭސިޓީގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ދުވަސްވީ ބައު ވެހިކަލްތައް ނާއްތާލަން ފަށައިފިއެވެ.

 

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްނެންގެވުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސް، މާލެސިޓީ ކައުންސިލާއި، އެޗްޑީީސީ, ކަސްޓަމްސް, އެމްޓީސީސީ, ހައުސިންގ މިނިސްޓްރީ، ވެމްކޯއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމް ވަނީ ފަށާފައެވެ.

 

މި ޕްރޮގްރާމްގައި ބައިވެރިވާ މުއައްސަސާތައް ހިމެނޭހެން ”އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ“ އެއް އުފައްދައި ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ވަނީ ޕްލޭނެއް އެކުލަވާލާފައެވެ.

 

މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި, މާލެއާއި ހުޅުމާލޭގައި ބޭނުން ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުންނަ, ’އުޅަނދެއްގެ ގޮތުގައި ނުބެލެވޭ‘ ވަރަށް ހަލާކުވެފައިވާ އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުމާއި, އަމިއްލައަށް އެދިގެން ވެހިކަލްތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަމަޖައްސައި ދިނުމާއި, މާލެއާއި ހުޅުމާލޭގައި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ޓޯކޮށް ނައްތާލުމާއި ރަޖިސްޓަރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތައް މަގުމަތިން ނެގުން ހިމެެނެއެވެ.

އުޅަނދެއް ޓޯކޮށްގެން ގެންދަނީ.

 

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި އަމިއްލައަށް އެދިގެން ވެހިކަލްތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމަށް ޚާއްސަ ފޯމެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި މި ހިނގާ ފެބްރުއަރީ މަހުގެ 10އިން ފެށިގެން މާރިޗް މަހުގެ 4ށް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

 

މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ”އާބަން ޑީކޮމްޕޮޒިޝަން މެނޭޖްމެންޓު ކޮމިޓީ“އިން ވަނީ އުޅަނދުތައް ދެނެގަތުމަށް ޓަކައި މާލެއާއި ހުޅުމާލޭގައި ސާވޭއެއްކޮށްފައެވެ.

 

އަދި މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ރަޖިސްޓްރީ ނުކޮށް ހުންނަ ވެހިކަލްތައް ނިސްބަތުން ގިނަކަމަށާއި, މިޕްރޮގްރާމްގެ ދަށުން ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ބެހެއްޓުމަށް ޚާއްސަ ބިމެއް ކަނޑައަޅައި އެބިމަށް އެ އުޅަނދުތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button