ޚަބަރުސިޔާސީ

މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާޙުކުރުމާއި ފަރުމަސްވެރިކަމަށް ޙާއްސަ ކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމް އިފްތިތާޙު ކުރުން

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ދެ ޙަރަކާތް ކަމުގައިވާ މަސްވެރިންގެ ޤައުމީ ދަފްތަރު އަދި ފަރުމަސްވެރިކަމަށް ޙާއްސަ ކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމް ރޭގައި ށ. ކޮމަންޑޫގައި އިފްތިތާޙުކޮށްފިއެވެ.

 

މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަލްފާޟިލް އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން އެސް.އެމް.އީ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތު ފިފްޝީން ޢަލީ އާއި ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އާދަމް ޢަބްދުﷲ އާއި ކޮމަންޑޫގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅުގެ މަސްވެރިން އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން މި ޙަފްލާގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

 

މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަޤުސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމެވެ. މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި ރަސްމީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

 

ރޭގެ ޙަފްލާގައި މަސްވެރިކަމާ ބެހޭ ވަޒީރު، އަހުމަދު ޝިޔާމް ވަނީ، މަސްވެރިންގެ ދަފްތަރާއި ގުޅިލާމެހިފައިވާ ގިނަ ކަންތައްތަކެއް ވާ ކަމަށާއި މަސްވެރިންގެ ދަފްތަރު ފުރިހަމަ ކުރެވުމުން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތައް ޖުމްލަ ހައްލެއް ލިބެގެން ދާނޭކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލުމުން، މަސްވެރިންގެ ފުރިހަމަ މަޢުލޫމާތު ދައުލަތަށް ލިބި، ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

 

ފަރުމަސްވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްޤީ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަފުތާ 14ގެ މަގުޗާޓުގައި ހިމެނޭ މުހިއްމު ޙަރަކާތެކެވެ. މިގޮތުން ފަރުމަހުގެ އުފެއްދުންތައް އުފައްދާ ފެސިލިޓީތައް ޤާއިމްކޮށް ތަރަޤީކުރުމަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުދި އައިސްޕްލާންޓްތައް ގާއިމު ކުރުމަށް ބޭނުންވާ ލޯނު އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އާ ގުޅިގެން ހިންގާ [ކަނޑުފަޅުނަފާ ލޯނު] ގެ ދަށުން ލިބޭނެ ލުއި ފަސޭހަގޮތްތަކެއް މިހާރު ވަނީ ފަހިވެފައެވެ. މިއީ ފަސް ޕަސެންޓު އިންޓަރެސްޓުގައި 10 އަހަރު ދުވަހުން އަދާ ކުރާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސްކީމެކެވެ. މި ލޯނަށް އޮންލައިންކޮށް އެދި ހުށަހެޅުމުގެ ފުރުސަތު މިފެށޭ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެއެވެ.

 

އެސް.ޑީ.އެފް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޢައިޝަތު ފިފްޝީން ޢަލީ ފާހަގަކުރެއްވި ގޮތުގައި، ފަރު މަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި ފަރުމަސްވެރިކަން ފުޅާކުރުމަށް ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން އާ ޕްރޮޑަކްޓުތަކެއް ފަރުމާކޮށް ތަޢާރަފު ކުރުމަކީ މި މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button