ޚަބަރުސިޔާސީ

ރިޔާސީ ކެމްޕެއިންގައި ރައީސް ދެއްކެވި ވާހަކަފުޅުތައް އެއްފޮތަކުން

2023ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު ދެއްވި ހުރިހާ ތަޤުރީރުތަކެއް ހިމެނޭ ފޮތެއް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށް، އޮންލައިންކޮށް އާންމުންނަށް ކިޔޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ކެމްޕެއިން ކުރެއްވީ ޖުމްލަ 53 ދުވަހުއެވެ. އެ ދުވަސްތަކުގެ ތެރޭގައި ޖުމްލަ 153 ރަށަކަށް ރައީސް ވަޑައިގަތެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

 

އެ ދަތުރުފުޅުތަކުގައާއި މާލޭގައި ކުރިއަށްގެންދިޔަ އެކިއެކި ކެމްޕެއިން ހަރަކާތްތަކުގައި ޖުމްލަ 205 ފަހަރު ރައީސް ތަޤުރީރުކުރެއްވިއެވެ. އެ ތަޤުރީރުތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ތަންފީޒުކުރައްވަން ގަސްތުކުރައްވާ ސިޔާސަތުތަކާއި ގެންގުޅުއްވާ ތަސައްވުރު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

 

އިންތިޚާބުގައި އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅަކާއި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ހިމެނޭ ފޮތެއް ނެރުއްވުމަށް ރައީސް ވަނީ އިންތިޚާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.

 

އެ ފޮތް އިފުތިތާހު ކޮށްފައިވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމުގެ 2 ދުވަސްކުރިންނެވެ. ޖުމްލަ 1024 ސަފުހާގެ އެ ފޮތުގައި ރައީސްގެ ހުރިހާ ތަޤުރީރަކާއި، އެ ތަޤުރީރުތަކުގައި ހިމެނޭ މުހިއްމު ވައުދުތައް ފާހަގަކޮށް ހިމަނާފައިވެއެވެ.

 

މިއީ ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިނެއްގައި ރައީސަކު ދެއްކެވި ވާހަކަފުޅުތަކާއި އެ ވާހަކަފުޅުތަކުގައި ހިމެނޭ ރިޔާސީ ވައުދުތައް އެއް ފޮތަކުން ފެންނާނެހެން ޝާއިއުކުރެވުނު ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންނަނިވި ލިންކުން އެފޮތް ކިޔައިލުމުގެ އިތުރަށް ޑައުންލޯޑުކޮށް ބެލޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button