ޚަބަރުސިޔާސީ

ރައީސާއި ނައިބު ރައީސް ވަކިކުރަން ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް ވަކިކުރުން ފަސޭހަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ ރައީސާއި ނައިބުރައީސް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި މީހުންގެ ވޯޓުން ކަމަށެވެ.

މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް އެމްޑީޕީން ގެނައި އިސްލާހަކީ މަޖިލީހުގައި ހުސްވެފައިވާ ގޮނޑިތައް ނުގުނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގެނައި އިސްލާހެކެވެ.

އެ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން އެ އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުންވަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ. ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންވަނީ އެ ވަގުތީ އަމުރު ނެރުމަށް ނިންމާފައެވެ. އެގޮތުން އެ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށް ދައުލަތުން ތުހުމަތުކުރާ ހާލަތުގައި އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސަން ޖެހޭ ކަމަށް ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައުޔާގައި ބުނެފައިވެއެވެ.

މަޖިލީހުގެ ޖުުމްލަ މެންބަރުންގެ އަދަދު ކުރިން ގުނަމުން އައިސްފައިވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކަމުގައިވާއިރު ކޯޓުން ވަކި ގޮތެއް އަލަށް ގެނައި އިސްލާހާމެދު ކަނޑައަޅަންދެން އަމަލުކުރާނީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި އަމުރު ނެރުއްވީ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ. ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށް ރައުޔަ ނެރުއްވީ ފަނޑިޔާރު ޢާއިޝަތު ޝުޖޫނާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމެވެ.

ތަފާތު ރައުޔަ ނެރުއްވި ދެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުން އެ އިސްލާހުގެ މައްސަލަ ކޯޓަށް ހުށަހެޅުން ދިގުލައިގެންދިއުމާއި، އެ މައްސަލަ ބިނާކުރީ ކުރިމަތިވެދާނެ ކަމަށް ދައުލަތުން ލަފާކުރާ ހާލަތެއްގެ މައްޗަށް ކަމުގައިވާތީ ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button