ޚަބަރު

ކެންސަރު ބައްޔާއެކީ ނޯމަލް ލައިފެއް އުޅެވޭތޯ ހީނާ ކުރި ދަތުރު

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބުގައި، ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު އަދި މިހާރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިއްޔެ މީސް މީޑިއާގައި ކެންސަރާއި ގުޅުން ހުރި ޕޯސްޓެއް ކުރައްވައިފިއެވެ.

ހީނާ ވިދާޅުވީ، މިފަދަ ދުވަހެއްގައި ކުރެވެނީ ވަރަށް ތަފާތު އިހްސާސްތަކެއް ކަމަށެވެ. އެގޮތުން ހީނާ ކެންސަރާއި ހަނގުރާމަ ކުރަމުންދާ ދަތުރު ވަނީ ހިއްސާ ކޮށްފައެވެ.

”ބޭނުމަކީ މިބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް އަޅުގަނޑުގެ ތަޖުރިބާއިން ހިތްވަރު ދިނުން“ ހީނާ ވިދާޅުވިއެވެ.

ހީނާއަށް ކެންސަރު ޖެހުނު ކަން އެނގުނީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް މަސްކުރިންނެވެ. ހީނާ ހިއްސާ ކުރެއްވިގޮތުގައި އެކަން އެނގުނު ވަގުތު އޭނާއަށް ހީވީ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ.

”ހަދާނެގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވި. ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތީ. އޭރު މިކަމަކީ ކިހާވަރެއްގެ ވޭންހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށްވެސް ނޭނގޭ.“ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވިގޮތުގައި ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހެދިބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މުޅި ހަށިގަނޑު އެއްކޮށް ދުޅަވެ ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައްވެސް އިސާހިތަކު ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

”މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސާ. އަމިއްލަ ނަފްސާމެދު ދެކުނުގޮތް ބަދަލުވި. ސެލްފްކޮންފިޑެންސް މަޑުމަޑުން ދާންފެށި ކަހަލަ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެން. މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގަ. ކީމޯއަށްފަހު ރޭޑިއޭޝަންގައި އެއްމަސްދުވަސް ހޭދަކުރިން. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަނަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއް ނޫން“ ހީނާ ވިދާޅުވިއެވެ.

ހީނާ މީސް މީޑިއާއަށް ދޫކޮށްލި ފޮޓޯ

ހީނާ ވިދާޅުވީ، އޭނާގެ އަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުމަށް ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ތެދުވާނެހާ ހިތްވަރު ނެތަސް އަނެއް ދުވަހު މަސައްކަތަށް ނުކުންނައިރު، ބަލިވިޔަސް ގައިގަ ވަރުނެތަސް ހަރަކާތްތެރިވުން އިތުރު ކުރިކަމަށެވެ.

ބައްޔާމެދު ފައްސިކޮށް ވިސްނަން ފަށައި، ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކި ކަހަލަ ނައްސި ހިޔާލުތަކާއި ފިކުރުތަކުން ދުރަށް ދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކުރި ކަމަށެވެ.

”އަޅުގަނޑު ތަހައްމަލް ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖްކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށީ.“ އޭނާ ވިދާޅުވިއެވެ.

އޭނާ ދަނީ މި ބަލިން ރަނގަޅުވުމަށް ފަރުވާ ހޯދަމުންނެވެ.

ކެންސަރަކީ ނުރައްކާތެރި ބައްޔެއްކަމާއި، ވޭންދެނިވި ބިރުވެރި ކަމެއް ކަމަށާއި، މާދަމާވެސް ވާނެގޮތެއް ނޭނގުނަސް އުއްމީދު ކަނޑާނުލުމަށް ހީނާ ވިދާޅުވިއެވެ.

”ކެތްތެރިވާށެއެވެ. އެންމެ ފަހުވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މި އިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲ އެވެ.“ ހީނާގެ މެސެޖްލުގައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button