ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް ދެއްވި މައުލޫމާތުގައި މަޖިލީހުގެ ރައީސް އަސްލަމާއި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމަށް ވަކިވަކިން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ވިދާާޅުވެއްޖެއެވެ. އެ ބޭފުޅުންނަށް 15 ދުވަހުގެ ނޯޓިސް ފޮނުވާފައިވާއިރު މި މަހު 19 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް، މިހާރު މަޖިލީހުގައި އަދާކުރައްވާ މަގާމުތަކުން ވަކިކުރަން ހުށަހެޅީ މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމި ނިންމުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި ވަނިކޮށެވެ.
ޕީޕީއެމް/ޕީއެންސީން ވަކިވަކިން ހުށަހެޅި ދެ ގަރާރުގައި ވެސް ބުނެފައިވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދީގެން ކަމަށާއި އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އިންތިހާބުވި ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އަދި ނައިބު ރައީސް ކަމަށް ސަލީމް، ވަޑައިގެންނެވީ ތަކުރާރުކޮށް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކުން ހިލާފުވާ ގޮތަކަށް ކަމަށް އެ ގަރާރުގައިވެއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސްއާއެކު މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދު 57އަށް އަރައެވެ. އެއީ އެމްޑީޕީގެ 44 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުން ހިމަނައިގެންނެވެ. ޕީއެންސީގައި 14 މެންބަރުން ތިއްބެވި އިރު، ޕީޕީއެމްގައި ދެ މެންބަރުން ތިއްބަވައެވެ. އަދި އެ މެންބަރުންނާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ އަދަދު 30އާ ގާތް ކުރާނެއެވެ.