ފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވީ، ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ނިމިފައިވާ އިރު މިހާރު ހުރިހާ ޓަވަރެއްގައި ވެސް ކުރިއަށް ދަނީ ސުޕަ ސްޓްރަކްޗާގެ މަސައްކަތްތައް ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް 11 ޓަވަރު ނިންމައި އެފްޑީސީން ފްލެޓްތައް ސަރުކާރާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ޓަވަރުގެ ސްޓްރަކްޗާގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް 10 ޓަވަރުގައި މިހާރު ވަނީ ނިމިފައި. ކޮންމެ މަހަކު އަޅުގަނޑުމެންނަށް 30 ޝީޓު އެބަ އެޅޭ. މަސައްކަތް ކުރިއަށްދަނީ ޝެޑިއުލަށް ވުރެ މާ އަވަހަށް،“ އޭނާ ވިދާޅުވިއެވެ.
އެފްޑީސީން 10 ޓަވަރުގެ މަސައްކަތް ނިންމާލި އިރު އެއީ ގާތްގަނޑަކަށް 1،200 އެޕާޓްމެންޓެވެ. އެތަނުގައި މިހާރު ކުރަމުން ދަނީ ފިނިޝިން މަސައްކަތެވެ. މި މަސް ނިމޭ އިރު ހަތަރު ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭ އިރު އެއީ 512 ފްލެޓް ކަމަށް އެފްޑީސީން ބުންޏެވެ.
އެފްޑީސީން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. ”އަމާން އުދަރެސް“ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަދި ”އަމާން ދޯދި“ ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާއެވެ.