ޚަބަރުސިޔާސީ

ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ އުސޫލެއް އެކުލަވާލައިފި

ވިޔަފާރީގެ ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ އުސޫލެއް އެކުލަވައިލާ ސަރުކާރުން އިއުލާނުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އުސޫލު އެކުލަވައިލުމުގެ ކުރިން ކައުންސިލުތަކަށް ރަށްތައް ލިބެނީ ބަލަހައްޓާ އުސޫލުންނެވެ. އެ އުސޫލުން ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހުންނަ ރަށްރަށުގައި ކުރެވެނީ ވަރަށް މަދު ކަންކަމެވެ. އިޤުތީޞާދީ ހަރަކާތްތައް ހިންގުމަށް ރަށްރަށުގެ ކައުންސިލުތަކަށް ފަޅުރަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އުސޫލުގެ ދަށުން ކައުންސިލުތަކަށް ރަށްތައް ދޫކުރާނީ އެ ރަށްތައް ހޯދުމަށް ކައުންސިލުތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ވަޒަން ކުރުމަށްފަހުއެވެ. އެ މަސައްކަތުގައި އިސްދައުރެއް އަދާކުރާނީ ސިޓީސް މިނިސްޓްރީންނެވެ. އަދި ރަށެއް ބޭނުންކުރަން ނިންމާ މަސައްކަތަށް އެރަށެއް ދޫކުރުމަށް އަތޮޅު ކައުންސިލުގެ ރުހުންވެސް ހޯދަންޖެހޭނެއެވެ.

ފަޅުރަށް ހޯދުމަށް ހުށަހަޅާއިރު ކުލީގެ ގޮތުގައި ދައްކާނެ ފައިސާގެ އަދަދު ނުހިމަނައި ހުށަހަޅައިފިނަމަ އެ ރަށެއް ކުއްޔަކާ ނުލައި ދޫކުރުމުގެ އިޚުތިޔާރު ވެސް އޮންނާނެއެވެ. މިފަދައިން ހޯދާ ފަޅުރަށަކީ ކައުންސިލު ހިމެނޭ އިދާރީ ދާއިރާގައި އޮންނަ ފަޅުރަށަކަށްވުން ލާޒިމެވެ. ނަމަވެސް އިދާރީ ދާއިރާއެއްގައި ފަޅުރަށެއް ނެތް ހާލަތުގައި އެހެން އަތޮޅަކުން ފަޅުރަށެއް ހޯދުމުގެ އިޚުތިޔާރު އޮންނާނެއެވެ.

ކުލި ނުދައްކާ ގޮތަށް ނުވަތަ އެހެން އަތޮޅަކުން ފަޅުރަށެއް ހޯދި ނަމަވެސް އެ ފަޅުރަށެއް ހިމެނޭ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުން އެ ރަށެއް ދޫކުރުމަށް ހުއްދަ ދިންކަން ލިޔުމުން އެނގެން އޮންނަންވާނެއެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން ފަޅުރަށެއް ހޯދުމަށް އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލުތައް އެކުވެގެން ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. ކައުންސިލުތަކަށް ދޫކުރާ ރަށްތަކުގެ ތިމާވެށި ހިމާޔަތްކުރުމަށް ވަކި މިންގަނޑުތަކެއް ހިފަހެއްޓުން ލާޒިމުވާނެއެވެ.

މި އުސޫލުގެ ދަށުން ގަސްގަހާއި ކާބޯތަކެތި އިންދުމަށާއި، ތަކެތި ގުދަންކުރުމަށާއި، ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުމާއި، ދޫނި ގެންގުޅުމަށާއި، ލޮނުމަހުގެ މަސައްކަތްކުރުމަށާއި ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުމާއި، އެކުއަކަލްޗާގެ މަސައްކަތްކުރުމާއި، ފާނަކޮށީއެޅުމާއި ފާނައިގެ މަސްވެރިކަންކުރުމާއި، ފައިބަރާއި ވަޑާމުގެ މަސައްކަތްކުރުމާއި، ވޯކްޝޮޕު ޤާއިމުކުރުމާއި އެޅިގަލުގެ މަސައްކަތްކުރުމާއި ދަތުރުދިއުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުންފަދަ ތަފާތު މަސައްކަތްތައް ކައުންސިލުތަކަށް ދޫކުރާ ރަށްރަށުގައި ކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button