ޚަބަރު

ދަރިވަރުންނަށް ހާއްސަ އުމްރާ ދަތުރެއް ދެނީ

އިސްލާމީ ރިސާލަތު ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ހާއްސަ އުމްރާ ދަތުރެއް ދޭން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޒީނާ މުޙައްމަދު ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށްވާ ”އިސްލާމީ ރިސާލަތު“ގެ ތެރެއިން ރާއްޖޭގެ ޔުނިވާސިޓީ/ކޮލެޖްތަކުގައި ތަޢުލީމު ހާސިލްކުރަމުން ދާ ދަރިވަރުންނަށް ހާއްސަކޮށްގެން އުމްރާދަތުރެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދަތުރުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ މެދުގައި އުމްރާއާއި ހައްޖުގެ މަތިވެރި އަޅުކަމަށް ލޯބި ޖެއްސެވުންކަމަށް ޒީނާ ވިދާޅުވިއެވެ. އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ހާއްސަ ޓުއަރ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދަރިވަރުންނަށް އުމްރާގެ އަޅުކަން އަދާކުރާނެގޮތް އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އައްޝައިޚު މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، އެ ޓުއަރގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޓަކައި ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކާއި އެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، މި ދަތުރު ހާއްސަވާ އެއްސަބަބަކީ، އާންމު ދަތުރުތަކުގައި ދަތުރުނުކުރެވޭ ތަންތަނަށް މި ދަތުރުގައި ދެވޭނެހެން ސަޢުދީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމެވެ.

ދީނަށް ލޯބި ކުރާ، އަޅުކަންތަކަށް ފަރުވާތެރި ޖީލެއް ބިނާކުރުމަކީ މި ދަތުރުގެ އަމާޒެއްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button