ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ އެޕާޓްމެންޓެއް ބައްލަވައިގަތުމަށް އަމިއްލަ ކުންފުންޏަކުން ދީފައިވާ ފައިސާތަކެއް ނުދައްކައިގެން އެ ފައިސާ އަނބުރާ ހޯދުމަށް ދައުވާކުރިކަމަށް ބުނެ ނޫހަކުން ފެތުރި ޚަބަރަކީ ދޮގެއްކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
އޮންލައިން ނޫސް ދައުރުގައި ޝާއިއުކުރި ޚަބަރުގައި ބުނެފައިވަނީ ޕްލެޓިނަމް ރިއަލް އެސްޓޭޓު ޕްރައިވެޓް ލިމިޓެޑުން ތަރައްޤީ ކުރި ޕްލެޓިނަމް ފުލެޓުތަކުން ފުލެޓެއް ބައްލަވައިގަތުމަށް އޭނާއަށް ލޯނުގެ ގޮތުގައި ދިން 1.9 މިލިއަން ރުފިޔާ ނުދައްކަވާތީ އެ ފައިސާ ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ދައުވާގެ އަޑުއެހުންތައް ނިންމައި ހުކުމް ކުރުމުގެ އަޑުއެހުމެއް މި މަހުގެ 9 ވަނަ ދުވަހު ބާއްވަން ސިވިލް ކޯޓުން ތާވަލު ކޮށްފައިވާ ކަމަށް ވެސް ދައުރު ނޫހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މައްސަލައަކީ ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައި ނުވާ މައްސަލައެއް ކަމުގައި ސިވިލް ކޯޓުން ވަނީ ބުނެފައެވެ. އެ މައްސަލައިގެ ލިޔެކިޔުންތައް ކަމަށް ބުނެ ދައުރު ނޫހުގައި ބަޔާންކޮށްފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
އެ ކޯޓުން އިތުރަށް ބުނީ ރައްޔިތުން ކުރިމަތީގައި ކޯޓާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަދި ކޯޓުގެ ލިޔުންތައް ކަމަަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭ ގޮތަށް ހިންގާ އެފަދަ ނޭދެވޭ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ކޯޓުގެ އަގުވެއްޓޭ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބަލައި، އެފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.