ޚަބަރުސިޔާސީ

ރައީސްގެ ނަޒަރުގައި މާލޭ މޭޔަރު ކަމަށް އާޒިމާ ހޮވަންވީ ސަބަބުތައް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު އެ މަގާމަށް ހޮވަންވީ ސަބަބުތައް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.

އާޒިމާގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އާޒިމާ މޭޔަރުކަމަށް ހޮވަންވީ ސަބަބުތައް ވަނީ ރައީސް ވިދާޅުވެދެއްވާފައެވެ.
ރައީސް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ސަފަކީ ތަރައްގީގެ ސަފުކަމަށާއި މި ސަރުކާރަކީ ގައުމީ ވިސްނުމުގައި ރައްޔިތުން އިސްކޮށްގެން ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ ސަފަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ހަމަ ޔަގީނުން ވެސް އެ ވިސްނުމުގެ ބޭފުޅުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ސަފަށް ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް އަދި އެ ސަފަށް ގުޅިވަޑައިގަންނަން ވިސްނުންފުޅުގައި ތިއްބެވި ބޭފުޅުން ވެސް ގައުމީ ވިސްނުން އިސްކުރައްވާ އެގޮތުގައި ތިއްބެވުމަށް ގޮވާލައްވާފައެވެ.

”އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޓަކައި ޚިދުމަތް ކުރަން އައިސް، ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ ރައްޔިތުންނަށް ޚިދުމަތް ކުރަން، ކައުންސިލަށް ކައުންސިލަރުން އިންތިހާބު ކުރަނީ އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް ހިދުމަތް ކުރަން، މޭޔަރަކު އިންތިހާބު ކުރަނީ ނުވަތަ ކައުންސިލެއްގެ ރައީސް އިންތިހާބު ކުރަނީ އެރަށެއްގެ ކަންތައްތައް އެންމެ އިސްކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އެ ޒިންމާ ރަނގަޅަށް އަދާކުރުމަށް އިތުބާރު ކޮށްފައި“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ހޮވަންވީ ސަބަބުތައް ރައީސް ވިދާޅުވެދެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިއަދުގެ މައުޟޫއު ހާއްސަވަނީ މާލެ ސިޓީއަށްކަމަށާއި މާލޭ މޭޔަރު ހޮވުމަށްޓަކައި 13ވަނަ ދުވަހު ބާއްވާ އިންތިހާބަކީ މާލޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ އިންތިހާބެއްކަމަށެވެ.

2021 ވަނަ އަހަރު ބޭއްވި މޭޔަރު އިންތިހާބުގައި މާލޭގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް ވަރަށް ބޮޑު އިންސައްތައަކުން ހޮވައިދެއްވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެދުވަހުން ފެށިގެން ރިޔާސީ އިންތިހާބާ ހަމައަށް 2 އަހަރާއި ދުވަސްކޮޅެއް ހިނގާފައިވާއިރު އެދުވަސްތަކުގައި އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން މަސައްކަތް ކޮށްފައިވާކަމަށެވެ.

އަދި އެ މަސައްކަތް ކުރުމުގައި ރައްޔިތުން ވަރަށް ކައިރިން ބެލިކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފުރަތަމަ ދުވަހުން ފެށިގެން ޕްލޭނެއް އެކުލަވާލައްވާ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން ސަރުކާރުން އެއްބާރުލުން ދީގެން ނޫނީ ކުރެވެން ހުރި ކަންކަން ފިޔަވާ ދެން ވައުދުވި ހުރިހާ ކަމެއް ކުރެވުނުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވެ ހުރީ ބޮޑެތި ކަންތައްތައްކަމަށާއި އޭގެ ތެރޭގައި ހައުންސިންއާ ގުޅޭ ކަންކަމާއި މަގު ހެދުން އަދި ޕާކިންއާ ގުޅޭ މައްސަލަތައް ހިމޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ހުރަސް އެޅުމުން މާލެއަށް ބޭނުންވާ މުހިންމު އެ ކަންކަން ނުކުރެވުނު ނަމަވެސް އެކަންކަން ކުރަން މި ސަރުކާރުން ތިބީ ފުރުސަތު ދީގެންކަމަށެވެ.

މާލޭ މޭޔަރުކަމަށް އަންނަ ބޭފުޅެއްގެ ގޮތުން ސަރުކާރަށް ޖެއްސުން ކުރުމަށް މާލޭގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ނުކޮށް ދޫކޮށްލާފާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރާ އެކީގައި މަސައްކަތް ކުރަން ނެތް ޕާޓީއަކުން ބޭފުޅަކު ހޮވައިފި ނަމަ އަނެއްކާ ވެސް މާލޭ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެ ދާ ދުވަސްތަކެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button