ޚަބަރުސިޔާސީ

މީޑިއާ ވިލެޖް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަރުހަލާ ފެށިއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްރަޝީދު އާއި ބައްދަލު ކުރައްވައިފިއެވެ.

ދަޢުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށާއި މީޑިއާ ވިލެޖު ހެއްދެވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

މީޑިއާ ވިލެޖު އެޅުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް މުޢިއްޒުއަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.

އާރބަންކޯ އާއިއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ މިފަދަ ތަނެއް އެޅުމަށް އެންމެ އެކަށީގެންވާ ރަނގަޅު ބިމެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި މީޑިއާ ވިލެޖްގެ ސަބަބުން އާމްދަނީ އިތުރުވާނެ ގޮތްތަކާއި، މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅިގެން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މީޑިއާ ވިލެޖެއް ހެއްދެވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ވެސް ކެބިނެޓްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވައި ބަޖެޓްގެ އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާ ވަނީ ހަވާލު ކުރައްވާފައެވެ.

އެ މަސައްކަތުގެ ދަށުން އެވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ވެސް ކަމާ ބެހޭ އިދާރާތަކާއިއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button