ބައިނަލްއަގްވާމީ މާލީ އިދާރާތައް ރާއްޖެ ގެންނަން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީއެއް ރާއްޖޭގައި ޤާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
ވީއައިއޭ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ”މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސްގެ ނަމުގައި މުޅިން އާ އޮތޯރިޓީއެއް އުފައްދަން ނިންމާފައިވާ ކަމަށާއި މިއީ ބައިނަލްއަގްވާމީ މާލީ އިދާރާތައް ރާއްޖޭގައި ހިންގުމަށް މަގުފަހި ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފައިނޭންޝިއަލް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށާއި ށ.ފުނަދޫ ވެސް ފައިނޭންޝިއަލް ސެންޓަރަކަށް ބަދަލުކުރާނެ ކަމަށެވެ. މި މަސައްކަތް އެމްއެމްއޭ އަދި އެނޫން އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމުގެ މަގު މި ވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމަށް. އެ ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވަނީ ފަށާފައި“ރައީސް ވިދާޅުވިއެވެ.