ޚަބަރު

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ކުންފުންޏެއް އުފައްދަނީ

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށްގެން ސަރުކާރުން ކުންފުންޏެއް އުފައްދަނީ މިހާރު ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް ގުޅިގެން ކަމަށް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއުއެޑްކުރުމާއި، ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްޞަ 100 ޕަސެންޓް ދިވެހި ކުންފުންޏެއް އުފެއްދުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެ ކުންފުންޏަށް ދީފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކުންފުނި އުފައްދަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ، އަދި އެމްޓީސީސީ ގުޅިގެން ކަމުގައެވެ.

ކުންފުނިން އެންމެ އިސްކަން ދޭނީ އެހެން ގައުމުތަކުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ވުރެން އިތުރަށް މުދާ ގެނެސް، އިތުރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ކަމަށާއި އަމާޒަކީ އޭގެ ސަބަބުން ރަނގަޅު އާމްދަނީއެއް ހޯދުންކަމުގައި އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުންފުނީގެ ވިޔަފާރި ފެށުމަށް ޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށް ތިލަފުއްޓާއި ގިރާވަރުފަޅު ބެލުމަށްފަހު އެންމެ އެކަށީގެންވާ ތަނަކުން އެންމެ މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް ޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި އެކަމަށް އިންވެސްޓްމަންޓް ހޯދައި އެކަމުގެ ޝެއާ ހޯލްޑަރުންގެ ގޮތުގައި މި ކުންފުނި ހަމަޖެއްސުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button