ޚަބަރުސިޔާސީ

ރައީސް ޑރ.މުޢިއްޒަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއެއް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒަކީ ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނުގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ވަން އޮންލައިން“ އިން ހޮވި 2023 ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ރައީސް ޑރ.މުޢިއްޒު ވެގެން ދިއުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސްގެ ޕޯސްޓުގައިވަނީ ރައީސް ޑރ.މުޢިއްޒު އެންމެ އިސްކަން ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވައި ޚިދުމަތްތެރި ސަރުކާރެއް ބިނާކުރެއްވުމަށްކަން ފާހަގަކުރައްވާފައެވެ.
“الله ގެ އިރާދަފުޅާއެކު އެމަނިކުފާނަކީ ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއަކަށް ވެގެންދާނެކަން ޔަގީން.“ ނައިބު ރައީސް ވިދާޅުވިއެވެ.
މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާންވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި “އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް“ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button