ޚަބަރު

ވިއްސާރައިގައި ގެއްލުންވި ބައެއް ގޭގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފި

މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގޭގެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނުގެ ސަރަހައްދުގައެވެ. މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ އިތުރުން ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫންނެވެ.

މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގުރައިދުއަށެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ ރަށުގެ 20 ގެއަކަށް ވަނީ ފެން ވަދެފައެވެ. މީހުންނަށް ނޫޅެވޭ ވަރަށް ހަތް ގެއެއްގައި ފެން ބޮޑުވެފައިވާތީ، އެ ގެތަކުގައި ދިރިއުޅޭ މީހުން އެހެން ރަށް ރަށަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ކ. އަތޮޅުން އދ. އަތޮޅަށް އަށް އޮރެންޖެ އެލާޓް ނެރެފައިވީ ނަމަވެސް އެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button