ޚަބަރު

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވަން ފަށަނީ

އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުން ކޮށްގެން ބޭސް ފޮނުވަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަލީލް މީޑިއާއަށްދެއްވި މައުލޫމާތުގައި ވިދާޅުވެފައިވަނީ މިހާރަށް ވުރެ ފަސޭހައިން ބޭސް ފޮނުވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު އެކަމާގުޅޭ އެކި މަޝްވަރާތައް އެމްއެންޑީއެފާއި ޕޮލިސް އަދި ސިވިލް އޭވިއޭޝަނާއެކު ފަށާފައިވާ ކަމަށާއި އޭގެ ޓެސްޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވި ގޮތުގައު 10ރ. ގެ ބޭހެއް ބައެއް ރަށްރަށަށް ފޯރުކޮށްދޭން ވެސް ދައުލަތުން މިހާރު ކުރަން ޖެހެނީ ބޮޑު ހަރަދެކެވެ.

”ނިޒާމު ބަދަލުކުރެވޭތޯ މި ބަލަނީ އަގުހެޔޮކޮށް، ތަންކޮޅެއް ފަސޭހައިން ބޭސް ވަގުތުން ވެސް ފޮނުވޭނެ ނިޒާމެއް. ޑްރޯންގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރަށް އެ މަސައްކަތް ގެންދެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ.“ އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ މެދުވެރިކޮށް ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނާފައިވާ ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އޮގަސްޓް މަހު ބޭއްވިއެވެ.

އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެއެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button