ޚަބަރުދުނިޔެ

ކުވައިތުގެ އަމީރު އަވަހާރަވުމުގެ ހިތާމާގައި 3 ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް!

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާ ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ނިންމަވާފައިވަނީ 17 ޑިސެންބަރުވާ އާދީއްތަ ދުވަހުން ފެށިގެން 19 ޑިސެންބަރުވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފިއެވެ.

ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސްވަނީ އެ ޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޝައިޚް ނަވާފަކީ ވަރުގަދަ ތަސައްވުރެއް ގެންގުޅުއްވި ލީޑަރެއްކަމާއި، އެމަނިކުފާނަކީ ކުވައިތާއި އެ ޤައުމުގެ ރައްޔިތުންނަށް ނުގުނޑާ އަޒުމެއްގައި ޚިދުމަތްކުރެއްވި ބޭފުޅެއްކަމެވެ. އަދި އެމަނިކުފާނުގެ ވަރުގަދަ އެހާމެ ކުލުނުވެރި ލީޑާޝިޕަކީ އަމީރު ޝައިޚް ނަވާފުގެ ލެގަސީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުވައިތަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް ބައިވެރިއެެއް ކަމަށާއި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި ބަހައްޓާ އިޙުތިރާމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ އިތުރަށް ނާއިބުރައީސް ޙުސައިން މުޙައްމަދު ލަޠީފު ވެސް ވަނީ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button