ޚަބަރުސިޔާސީ

ހުރަވީ ދުވަސް ގޮވާލަނީ ގައުމީ ހިދުމަތަށްޓަކައި އިސްނަގައި، ދިވެހި ފަސްގަނޑަށް ވަފާތެރި ދަރިޔަކަށް ވުމަށް: ރައީސް މުއިއްޒު

ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށާއި، އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށާއި، ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށްޓަކައި އިސްވެ ޙަރަކާތްތެރިވާ، ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލިއަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާދިސާއިން ފެންނަ އަލިފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށާއި، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމުގައެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ދޮންބަންޑާރައިންގެ ތެދުވެރިކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ޤައުމު ދެކެ ވެވަޑައިގެންނެވި ލޯބީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ. އަދި، އިންސާނީ ބިނާކުރުމުގައި ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށާއި އެކަމާ ގުޅޭ ޚާއްޞަ މަޝްރޫޢު ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު ކުރިޔަށްގެންދަވާނެކަމުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނުއްވައިގެން ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި، ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެކަމަށާއި، ހަމަ އެހެންމެ މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިގޮތުން ޤައުމިއްޔަތުގެ ނާރެސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައިވާ ކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމުގައި އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދީނުގައި ވަޢުދު ފުއްދުމުގެ މުހިންމުކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް ވަޢުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މިގޮތުން އިންޑިޔާ ސިފައިން ރާއްޖޭން އަނބުރާ ގެންދިޔުމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާކަމުގައި އެމަނިކުފާނު ވަނީ ވިދާޅިވެފައެވެ. މީގެ އިތުރުން ވެސް ހަފުތާ 14 ގެ ތެރޭގައި ހިމެނިގެން މަސްވެރީންނަށް ޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މި ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ކެބިނެޓުން ދާދި ފަހުން ފާސްކުރެއްވުމަކީ ވެސް މިފަދައިން ނިމިގެން ދިޔަ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް 1000 ފަގީރުން ހައްޖަށް ފޮނުވުމުގެ ވަޢުދުގެ ތެރެއިން ފުރަތަމަ ޙައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށާއި، ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި، އެ މަސައްކަތް ވެސް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު ތެލަސީމިޔާ ބަލިހުންނަ ކުދީންނަށް މަތީފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި ވަކިން ޚާއްޞަކޮށް ސަރުކާރުގެ ޚަރަދުގައި އެ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އިންތިޒާމު ހިނގަމުންދާކަމަށާއި، ހަމައެހެންމެ ދަރީން ނުލިބުމުގެ ހިތާމަ ތަޙަންމަލްކުރަމުންދާ ދިވެހިރައްޔިތުންނަށް އެކަމުގެ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލްޗެކަޕް ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަ ޖެހިގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button