އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ހިންނަވަރަށް ވާދަކުރައްވާ ހުސައިން ފައިރޫޒު (ފައިރޫ)ގެ ނަން އަނބުރާ ގެންގޮސްފި އެވެ.
ރޭ ފައިރޫޒު ނަން ނެގުމާގުޅިގެން މިއަދު ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޕްރައިމަރީގައި މަޑުކޮށްލަން ޖެހުނީ ސިއްހީ ހާލަތު މިވަގުތު ހުރިގޮތުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާގައި ވަގުތުތައް ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުންނެވެ. އަދި މެންބަރުކަމަށް ވާދަނުކުރެއްވިޔަސް ދާއިރާއަށް އޭނާ ނޫން ދެން އެންމެ ގާބިލު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވީ ޝާހިދު އާދަމް (ޝާޑު) ކަމަށާއި، ފަރުވާގައި އުޅުއްވަން ޖެހުނަސް، އޭނާއަށް ކެމްޕެއިންކޮށް ވޯޓު ދިނުމަށް ސަޕޯޓަރުންނާއެކު މަސައްކަތް ކުރައްވާނެ ކަން ފައިރޫޒް ހާމަކުރެއްވިއެވެ.
”އަޅުގަނޑު ދެކެން ބޭނުންވާ ހިންނަވަރުގެ ތަސައްވުރު އަޅުގަނޑު ނަގާފައި ދެން ގެންގުޅެނީ ޝާޑު. ޝާޑުގެ ސިޔާސަތުތަކުން ހިންނަވަރު ބަދަލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް. އެއީ ރަށުގެ ތަރައްގީގެ ތަސައްވުރެއް.“ ފައިރޫޒު ވިދާޅުވިއެވެ.
ފައިރޫޒު ވިދާޅުވީ އޭނާގެ ޓީމު ގޮވައިގެން ޝާޑު އަތުގައި ހިފައިގެން ނިކުމެ މި އިންތިހާބު ކާމިޔާބު ކުރާނެ ކަމުގައެވެ.
ފައިރޫޒު ޝާޑުގެ ފަހަތަށް އެރިކަން ރަސްމީކޮށް އިއުލާން ކުރީ ރޭ ޝާޑުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައެވެ.