ޚަބަރު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާއްސަ ގުންޒަރެއް

މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް އޮޅުންފިލުވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ ގުންޒަރެއް ފަށައިފިއެވެ.

މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ވުޒާރާއިން ބާއްވާ ގުންޒަރު އިފްތިތާހުކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ގުންޒަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 40 މަސްވެރިން ބައިވެރިވެއެވެ.

9 ޑިސެންބަރުވީ ދުވަހުގެ ހެނދުނު 9:00ގައި ފެށި މަސްވެރިންގެ ގުންޒަރު އެދުވަހު ހަވީރު 17:00ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައިވެއެވެ.

މަސްވެރިންގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއެކު ބާއްވާ މި ގުންޒަރުގައި، މަސްވެރިކަމުގެ ސިނާއަތުގައި އެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މަސްވެރިންނާއި އެ ސިނާއަތުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި އެސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާމެދު މަޝްވަރާކޮށް ހައްލުތައް ހޯދޭނެ ގޮތްތަކާމެދު ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރާނެއެވެ.

މި ގުންޒަރުގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކަޅުބިލަމަހުގެ އެމްއެސްސީ ސެޓިފިކެޓު ދެމެހެެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާ ކަޅުބިލަމުގެ މަސްވެރިކަން ދެމެހެއްޓެނެވި ސިނާއަތެއްގެ ގޮތުގައި ބޭއްވުމަށް ހިންގާ ފިޝަރީޒް އިމްޕްރޫވުމެންޓު މަޝްރޫޢު ހިމެނެއެވެ. އަދި މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވިން ސެޓިފިކެޓު އޮންނަ ފަޅުވެރިން ތިބުމުގެ މުހިއްމުކަން މަސްވެރިންނަށް ބުނެދިނުމާއި، ކަނދުފަތި އެޅުމުގައި ބަލަންޖެހޭ ފަންނީ ކަންކަން މަސްވެރިންނާ ހިއްސާކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button