ޚަބަރުސިޔާސީ

ރައީސް މުއިއްޒުގެ ކޮޕް ސަމިޓުގެ ކާމިޔާބު ދަތުރަށް ޕީޕީއެމްގެ ޕީއެންސީގެ މަރުހަބާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ އަދި އދ. ގެ ކޮޕް 28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ޕީޕީއެމް ޕީއެންސީން މަރުޙަބާ ދަންނަވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ރަސްމީ ފުރުތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކޮށް އެމަނިކުފާނަށް ވަރަށް އިޚުލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓް އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ފަރާތުން މަރުޙަބާ ވަނީ ދަންނަވާފައެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ތުރުކީ ވިލާތް އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ޔުނައިޓަޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައެވެ. ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާފައެވެ.

”އަޅުގަނޑުމެން އެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުން. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން މިފުޞަތުގައިވެސް އަރުވަން“ ޕީޕީއެމް ޕީއެންސީން ވިދާޅުވިއެވެ.

ކޮޕް ސަމިޓުގައި ބައިބެރިވެވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ތުރުކީ ވިލާތަށް ވަޑައިގެން އެގައުމުގެ ރައީސާވެސް ބައްދަލުކުރައްވައި ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button