ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ކުރި ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބެލިއިރު، ދިފާއީ ހެކިތަކަށް ރިއާޔަތް ނުކުރަން ނިންމި ނިންމުމަކީ ގާނޫނީގޮތުން އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށެވެ.

ޖަމީލް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައެއް ނުގަނެވޭނެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ ޔޫސުފް ނައީމް ހުށައެޅުއްވި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި ލޯންޑާ ކުރެއްވި ކަމުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވާހަކަތައް ބިނާކޮށްފައިވާނީ ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

މި މައްސަލާގައި ރައީސް ޔާމީން ރަށު ބަންދުގައި ހުރި އިރު، މި މައްސަލާގައި ކުށް ސާބިތުވި އަދީބާއި ޒިޔަތު ވަނީ މަޢާފްދީ މިނިވަން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button