ޚަބަރު

ގޯތި ދޫކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އާންމު ރައްޔިތެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް

ގޯތި ދޫކުރުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، މާލޭ ސަރަހައްދުން ގޯތި ދޫކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އާންމު ރައްޔިތެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެޑްރެސްކޮށް، އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ އާންމު ފަރާތަކުންނެވެ. އެ ސިޓީގައި ގޯތި ދިނުމާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރަސްޓްރަކްޗާއިން ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ ރާއްޖޭގައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އެ ސިޓީގައި ފުރަތަމަ އަލިއަޅުވާލާފައިވަނީ މާލެ ރަށްވެހިންނަށް ގޯތި ދޫކުރަން އިއުލާނުކޮށްފައިވާ ގޮތާމެދުއެވެ. އިއުލާނުގައި ވަނީ 5،000 ގޯތި ދޫކުރާކަމަށް ނަމަވެސް ގޯތި ހޯދުމަށް ހުށަހެޅި ޝަރުތުހަމަވާ އެންމެނަށް ގޯތި ލިބޭނެކަން ސަރުކާރުން ފަހުން އިއުލާނުކުރި ކަމަށެވެ. އަދި އެއީ އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

ސަރުކާރު ރަސްމީ އިއުލާނެއްގައި 5000 ގޯތި ދޫކުރުމަށް އިއުލާނުކޮށް ރަސްމީ މި ލިޔުމާ ހިލާފަށް އިތުރު ގޯތިތަކެއް ދޫކުރުމަށް ނުނިންމޭނެކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އިތުރު ގޯތި ދޫކުރާނަމަ ކުރިން ކޮށްފައިވާ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު އިސްލާހުކުރުމަށްފަހު އިއުލާނުކޮށްގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ގަވާއިދާ ހިލާފަށް ރަސްމީ ލިޔުމާ ފުށުއަރާގޮތަށް އަމަލުކޮށްފައިވުމުން ރައްޔިރުންގެ ހައްގު ގެއްލިގެންދާ ގޮތަށް ބޭއިންސާފަށް ފުރުސަތު ހުޅުވައިލެވުން ކަމަށާއި، ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އެއީ ކަނޑައެޅިގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކޮށްފައިވާ ހަޑި މުޑުދާރު އަމަލެއްކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީގައި ދެވަނަ އަށް  ފާހަގަކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ މައްސަލައެވެ. އެ މައްސަލާގައި ބުނެފައިވަނީ، އެ ބިމަކީ އެޗްޑީސީން ބޭންކް އޮފް ސިލޯނުން ލޯނެއް ނަގައިގެން ހިއްކާފައިވާ ބިމެއް ކަމަށާއި އަދި އެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ބިމެއް ކަމަށެވެ.

ބިމާ ބެހޭ ޤާނޫނުގައި އަމިއްލަ ފަރާތްތަކުގެ މިލްކުވެރިކަމުގައި ހުންނަ ބިންތައް ބަނޑާރަކުރާނެ އުސޫލުތަކެއް ނޯންނަކަމަށެވެ.

ބަންޑާރަ ބިމަކީ ދިވެހި ސަރުކާރުގެ މިލްކުވެރިކަމުގައި ހުންނަ ބިންތަކެއް ކަމަށާއި، އެހެން އެއްވެސް ފަރާތަކަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން މިލްކުކޮށްދީފައިވާ ބިމަށް ވެގެންނުވާނެ ބިންތަކެއް ކަމުގައިވެސް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ސަރުކާރުން މީހަކަށް ދީފައިވާ އަމިއްލަ ބިމެއް، މީހަކަށް ދީ ނުވަތަ މީހެއްގެ އަތުން އަތުލެވޭނީ އެކަމަށް އެކަށީގެންވާ ބަދަލެއް، ޝަރުއީ މަރުހަލާ މެދުވެރިކޮށް ނެގުމަށްފަހު ކަމުގައި ވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ހުރީ އެޗްޑީސީގެ ނަމުގައި ހުރި ބިން ކަމަށާއި އެ ބިންތައް ސަރުކާރަށް ނެގުމަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމަށާއި، އެބިން ދޫކުރި އިރު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ސަރުކާރަށް ބިންތައް ދޫކޮށް، ސަރުކާރުން އެޗްޑީސީއަށް ދޭ ބަދަލަކީ ކޮބައިކަން ކަނޑައަޅާފައި ނުވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އަދާ ހަމައަށްވެސް ބަންޑާރަ ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތައް އެޗްޑީސީން ވަކިކޮށް، ސަރުކާރުގެ ބިންތަކެއް ކަމަށް ޝަރުޢީ އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަން ފާހަގަކޮށް، އެ ބިމުން ބަންޑާރަ ގޯތި ދިންކަމަށް ބުނެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދޫކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކަކީ ޤަނޫނީ އިޖުރާއަތު ފުރިހަމަ ނުވާ ލިޔުންތަކެއްކަމަށް ބުނެފައި ވެއެވެ.

ތިންވަނަ އަށް ފާހަގަކޮށްފައިވަނީ، ގޯތި ދޫކޮށްފައިވަނީ ޤާނޫނުން ބަންޑާރަ ގޯތި ދޫކުރުމުގެ އިޚުތިޞާޞު ލިބިފައިނުވާ ފަރާތަކުންކަމެވެ. ބިމާ ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ބަންޑާރަ ގޯތި ދޫކުރާނީ އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް  ފާހަގަކޮށްފައިވެއެވެ.

މިހާރު ދޫކުރަމުންދާ ބިންތައް ދޫކުރަނީ، މާލެ ސިޓީ ކައުންސިލުގެ އެއްވެސް ހިއްސާއެއް ނެތި ކަމުން އެއީ ޤާނޫނާ ޚިލާފަށް ކުރަންމުންގެންދާ ކަމެއް ކަމަށާއި، ޤާނޫނުގައި ވަކިގޮތަކަށް ކަންކުރުމަށް ބަޔާންކޮށްފައި އޮންނަނީ، ދައުލަތުގެ ބާރުތައް ވަކިވެ ހާމަކަންބޮޑު އުޞޫލަކުން ކަންކުރުމާއި، ގުޑް ގަވަރނަންސާ އެއްގޮތަށް ދައުލަތުގެ އިދާރާތައް ހިންގުމަށް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ޤާނޫނު ލާޒިމުކުރާ ހަމަތަކަކާއި ގަވާއިދުތަކަކާއި، އުސޫލުތަަކެއް ހުއްޓައި، އެއާ ހިލާފަށް ސަރުކާރުން އަމަލު ކުރާނަމަ އެކަމެއް އެ ކުރަނީ، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް، އާންމު މަސްހަލަތު ގެއްލި ފުށުއަރާ ގޮތަށް ކަމަށެވެ.

ކަނޑައެޅިގެން ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ބިމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް އެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ބަންޑާރަ ގޯތިތަކެއް ދޫކުރުމަކީ އޭގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބެލެވޭނެ ކަމެއް ކަމަށާއި، އެއީ އާންމު މަސްލަހަތު ނެތިކޮށް ނަގާލުން ކަމަށް ބެލެވޭނެ ކަމެއް ކަމުގައިވެސް އެ ސިޓީ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

އެ ސިޓީގައި އެންމެ ފަހު ނުކުތާއެއްގެ ގޮތުން ފާހަގަކޮށްފައިވާ ކަމަކީ ގޯތި ދޫކުރުމަށް ގުރުއަތު ނެގި މަރުހަލާގައި އިހުމާލުތަކެއް ވެފައިވާކަމުގެ ތުހުމަތެވެ. ގުރުއަތު ނެގީ ކަނޑައެޅި ވަގުތެއްގައި ގޮސް ފޮއްޓެއްގައި ހުރި ކަރުދާސްކޮޅުތަކުން ކަރުދާސްކޮޅެއް ނަގާ ގޮތަށްކަމަށްވާއިރު، އެ ކަރުދާސްކޮޅުގައި ގޯތި ލިބެނީ ކޮންތާކުންކަން ބަޔާންކުރި ނަމަވެސް ގުރުއަތު ނަގާ ފޮށީގައި ހުރި ހުޅުމާލެއާއި އެހެނިހެން ތަންތަނުގެ ކަރުދާސްކޮޅުތަކުގެ އަދަދު އެނގެން ނެތްކަމަށް ބުނެފައިވެއެވެ.

އަދި އެއީ ގުރުއަތު ނަގަމުން ދިޔައިރުވެސް ގިނަ ބަޔަކު ކުރި ޝަކުވާއެއް ކަމަށާއި، ވަކި ބަޔަކު ދިއުމަށް ހަމަޖައްސާފައި އޮންނަ ގަޑީގައި ހުޅުމާލޭގެ ކަރުދާސްކޮޅުތައް ގުރުއަތުނަގާ ފޮށީގައި ގިނައިން ހުންނަކަން ފާހަގަވެ އެ ޝަކުވާ ވަރަށް ގިނައިން ކޮށްފައިވާ ކަމަށާއި، ވަކި ގަޑިތަކެއްގައި ގުރުއަތު ނެގި އެންމެނަށް ހުޅުމާލެއިން ގޯތި ލިބުމުގެ ޝަކުވާއަކީ އެއިރުވެސް އާންމުން ކުރަމުން ދިޔަ ޝަކުވާތަކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ މިކަމުގައި ފޮރުވިފައިވާ ގޮތަކަށް ކަންތައް ކޮށްފައިވުމުން، ގުރުއަތުން ނެގި އިރު އެއްވެސް ހާމަކަމެއް ނެތި، މިނިސްޓްރީން ގުރުއަތުގެ ކަންތައް އިންތިޒާމްކޮށްފައި ވުމުން މިކަމުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަންތައް ކޮށްފައިވާ ކަމަށް ބެލެވި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކުރެވިފައިވާކަން ފާހަގަަވާކަމަށެވެ. އަދި ކޮމިޝަނުން މިކަމާ ގުޅޭ އެންމެހާ މަޢުލޫމާތު އެއްކޮށް، މިކަމުގައި މަސައްކަތްކުރި ސިޔާސީ ވެރިންނާއި، މުވައްޒަފުންނާ ސުވާލުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މިކަން ކޮށްފައިވޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމުގައި ބުނެފައިވެއެވެ.

ބިމާ ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގައި ބިން ދޫކުރުމަކީ ކައުންސިލުތަކުގެ އިޚުތިޞާޞެއްކަން ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 13 ވަނަ މާއްދާގައި ގޯތީގެ ރަޖިސްޓަރީ ދޫކުރަންޖެހޭނީ ގޯތި ދޫކުރި ފަރާތުން ކަމަށް ބުނެފައިވާކަން ފާހަގަކޮށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރީ މާލޭ ސަރަހައްދުން ދޫކުރި ގޯތީގެ ރަޖިސްޓަރީތައް ދޫކުރީ އެކަމުގެ އިޚުތިޞާޞެއް ނެތް ހައުސިން މިނިސްޓްރީން ކަމަށެވެ.

ގޯތީގެ ރަޖިސްޓަރީތައް މިނިސްޓްރީން ގާނޫނާ ގަވާއިދާ ހިލާފަށް ދޫކޮށްފައި ވަނިކޮށް އެގޯތިތަކުގައި ގެދޮރު އަޅަން މީހުން އުޅެން ފެށުމުން، ދައުލަތަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު ނިހާޔަތަށް އޮތްކަން ފާހަގަކުރިއެވެ.

މި ގޯތިތަކުގައި ގެދޮރު އެޅުމަށް ރައްޔިތުން އުޅޭނީ ވަރަށް ހާލުގައި ކަމަށާއި، ގިނަ މީހުން ގެދޮރު އެޅުމަށް ބޭންކުން ލޯނުގެ އެހީ ހޯދަން ޖެހޭނެ ކަމަށްބުނެފައިވެއެވެ. ނަމަވެސް އާންމު ރައްޔިތުންގެ ހާލަތު ހުންނަ ގޮތުން ބޭންކުން ލޯނު ނަގަން ޖެހެނީ ލިބިފައިވާ އެ ގޯތި ރަހުނުކޮށްގެން ކަމެވެ. އަދި ރަހުނު ކުރުމަށް ޓަކައި ރަހުނުގެ އެއްބަސްވުން، ގޯތި ދޫކުރި ކައުންސިލުގެ އޮފީހަށް ހުށަހަޅައި، ރަހުނު ދަފުތަރު ކުރަންޖެހެއެވެ. މިހާރު މި ގޯތިތައް ދޫކޮށްފައި މިވަނީ މިނިސްޓްރީން ކަމުން، މާލޭ ސިޓީ ކައުންސިލުގައި މި ގޯތިތަކުގެ ރަހުނު ދަފުތަރު ކުރެވޭނެ އެއްވެސް ގޮތެް ނޯންނާނެއެވެ. އެއީ މާލޭ ސިޓީ ކައުންސިލުގައި މި ގޯތި ތަކުގެ އެއްވެސް ތަފުސީލީ ލިޔުމެއް ނުހުންނާނެތީއެވެ.

އަދި ކިއެއްތަ، ލޯނު ހޯދުމަށް މި ގޯތިތަކުގެ ރަޖިސްޓަރީ ހިފައިގެން ބޭންކުތަކަށް ދިޔަ ނަމަވެސް ބޭންކުތަކުން މި ރަޖިސްޓަރީތައް ބަލައިނުގަންނާން މިހާރުވެސް ބޭނުްކުތަކުން ވަނީ ނިންމާފައި ކަމަށާއި ސަބަބަކީ މި ގޯތިތައް ސަރުކާރުން ދޫކޮށްފައިވަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށްވާތީ ކަމުގައިވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ސިޓީ ހުށަހެޅި ފަރާތުން ވަނީ މި މައްސަލަ ހައްލުކުރުމަށް އޭސީސީއަށް ކުރެވިދާނެ ބައެއް ކަންކަން ބުނެދީފައެވެ. އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ގާނޫނާ ގަވާއިދާ ހިލާފަށް ހިތުހުރިހައި ގޮތަކަށް ކަންތައްތައް ކުރަމުން ދާއިރު ދައުލަތުގެ މުއްސަސާތައް ގަދަ ނިދީގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެފައިވެއެވެ.

ސިޓީގައި ތިން ކަމަކަށް އެދިފައިވެއެވެ.

  1. މިހާރު ދޫކޮށްފައިވާ ގޯތީގެ ރަސްޖިސްޓަރީގެ މައްޗަށް އިމާރާތްކުރުމުގެ ހުއްދަ ނުދިނުމަށް އެންގުން؛
  2. ގޯތި ދޫކުރުމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުމަށް ސަރުކާރުގެ އިދާރާތަކަށް އެންގުން؛
  3. ގޯތީގެ ރަޖިސްޓަރީތައް ޤާނޫނުގައި ބަޔާންކުރާ މުއައްސަސާއިން ދޫކުރުމަށް އެންގުން. މިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button