ޚަބަރު

ފުލެޓު ލިސްޓުގެ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ހައުސިން މިނިސްޓްރީއަށް

ސަރުކާރުން ހިންގާ ’ގެދޮރުވެރިޔާ‘ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުކުރުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަނުޖެހި، ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފިއެވެ.

ގެދޮރުވެރިޔާ މަޝްރޫއަށް 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން، 13،000 މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އެ އެންމެންނަށް ފްލެޓުދޭން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް އިއްޔެ ނެރުނު ދާއިމީ ލިސްޓުގައި ވަނީ 4،000 މީހުންނެެވެ. ’ގެދޮރުވެރިޔާ‘ ސްކީމުގެ މި ފުރުސަތު ހުޅުވާލާފައިވަނީ ރިޔާސީ އިންތިހާބު ދާދި ކުޑަތަންވެފައި ވަނިކޮށެވެ.

 

ސަރުކާރުން ކުރިން ބުނެފައިވާ 13000 މީހުންގެ ތެރެއިން މިހާރު ފުލެޓު ދޭން ނިންމާފައިވަނީ ހަދަން ފަށާފައިވާ 4،000 ފުލެޓުން، ފަހުން ލިސްޓުގައި އާންމުކޮށްފައިވާ 4000 މީހުންނަށެވެ. ބާކީ ތިބި 9،000 މީހުންނަށް ފުލެޓު ދޭން ނިންމާފައިވަނީ ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމުގެ ލިޔުމެކެވެ.

 

13،000 މީހުންގެ ތެރެއިން ފުރަތަމަ ފުލެޓު ލިބޭ 4،000 މީހުންނަށް ޕޮއިންޓު ދީފައިވާ ގޮތާމެދު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އާންމުންގެ ގިނަ ބަޔަކު މިއަދު ވަނީ ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ. ޕޮއިންޓު ދީފައިވާ ގޮތުގެ ތަފްސީލު ހޯދުމަށް އެދި އެއްވި މީހުންނާ ބައްދަލުކުރައްވާފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.

 

ގެދޮރާއި ބިމުގެ މަޝްރޫޢުތަކުގައި ރައްޔިތުން ދިރިއުޅޭ ތަންތަނަށް ޓީމުތަކުން ޒިޔާރަތްކޮށް، ފޯމުތަކުގައި ހުންނަ މައުލޫމާތުތަކަށް ބަލައި، ހާލަތު ކަށަވަރުކުރެއެވެ. ނަމަވެސް 4000 ފުލެޓުގެ ލިސްޓު އާންމުކޮށްފައި މިވަނީ މިއިން އެއްވެސް ކަމެއް ފުރިހަމަނުކޮށެވެ.

 

”ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓު ދީފައިވަނީ އެ ފަރާތްތަކުން ހުށަހެޅި ފޯމުގައި ހުރި މައުލޫމާތުތަކަށް ބަލައިގެން“ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

 

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަމުން ބުނާ ގޮތުގައި ދިރިއުޅުމުގެ ހާލަތު ނުބަލާ ޕޮއިންޓު ދީފައިވާތީ މާލެއިން ބިމާއި ފުލެޓު ލިބިފައިވާ އެތައް ބަޔަކު ލިސްޓުގައި ހިމެނިފައިވާއިރު، ގެދޮރެއް އުޅޭނެ ތަނެއް ނެތް އެތައް ބަޔަކު ހިޔާވައްސެއް ނުލިބި ބާކީވީއެވެ. އަދި މިފަދަ ސްކީމުތަކުގައި  މީގެ ކުރިންވެސް ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާ، ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓު އާންމުކުރަނީއެވެ. މިފަހަރު މި އިން އެއްވެސް ކަމެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވަމުންދެއެވެ.

 

މި ފާޑުކިޔުންތަކާ ގުޅިގެން، ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިއަލަަށް ހުޅުވާލާފައިވާކަމަށް ހައުންސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button